ޚަބަރު

އެޑިއުކޭޝަން އެކްސްޕޯ އިފްތިތާހްކޮށްދެއްވައިފި


ސަރުކާރުން އަންނަނީ ރާއްޖޭގެ ތަރައްޤީއަށް އިންޤިލާބީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގަމުން އަންނައިރު، ސަރުކާރުގެ އަމާޒަކީ އެ މަޝްރޫއަތަކުން އުދެފޭ ވަޒީފާތަކަށް ފަންނީ އަދި ތަޢުލީމީ ދިވެހި ޒުވާނުން ނެރުމެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި، ޒުވާނުން ބިނާކޮށް ބާރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އެންމެ ބޮޑު އެއް އަމާޒަށްވާއިރު، ޒުވާނުންނަށް އެކި ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޔާމީން ގެންދަވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖޭގެ ތަރައްޤީއާ ގުޅޭ ދާއިރާތަކުން ޒުވާނުންނަށް މަތީ ތަޢުލީމު ދިނުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތައްކެވެ.

މި ސިޔާސަތުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ތަޢުލީމަށް ކިޔެވުމަށް ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދީފައެވެ. އެގޮތުން މަތީ ތައުލީމު ހާސިލްކުރުމަށް 2050 ސްކޮލަޝިޕުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން އެކްސްޕޯ 2017 ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.

އެޑިއުކޭޝަން އެކްސްޕޯ އިފްތިތާޙްކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ވަނީ ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން ވާދަކުރާއިރު، އެންމެ މުހިންމު ކަމަކީ ހުނަރުވެރި ޤާބިލު ރައްޔިތުންތަކެއް އުފެއްދުން ކަމަށާއި، ވަކިން ޚާއްސަކޮށް ޤައުމުގެ ޒުވާނުންނަކީ ހުނަރުވެރި އުފެއްދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.

img:http://s3.psmnews.mv/images/660x400/15138436410341.jpg|މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމު ވެރިކަމާ ހަވާލުވެ ވަޑައިގަތުމާއެކު ފެށްޓެވި އެންމެ މުހިންމު މަސައްކަތްޕުޅަކީ ޒުވާނުން ބިނާކޮށް ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރެއްވުން ކަމަށެވެ.

"އާދެ، ދިރުމެއްވާނަމަ އުންމީދެއްވާނެކަމަށް ވިދާޅުވެ، ޒުވާނުންގެ އުންމީދުތައް ހަޤީގަތަކަށް ހަދައިދިނުމުގެ މަސައްކަތް މިސަރުކާރުން މިދަނީ ކުރަމުން. އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް އެންމެނަށް އަދު މިވަނީ ހުޅުވާލެވިފަ،" އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ރާއްޖޭގެ އެކިއެކި ސިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ މިފަދަ ބޮޑު މަޝްރޫއެއް ހިންގިފައިނުވާ ކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ 4 އަހަރުތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރެއްވި އެއް މަސައްކަތަކީ ރާއްޖޭގެ ތައުލީމުގެ ހުރިހާ މަރުހަލާއެއް އިސްލާހުކޮށް ރާއްޖޭގައި ދެވޭ ތަޢުލީމާއި ތަމްރީނަކީ މި މާޙައުލާ ގުޅުންހުރި، ޒުވާނުން ބިނާކޮށް ވަޒީފާތަކަށް ނެރުމުގެ މަސައްކަތް ކަމަށެވެ.

"ސްކޮލަޝިޕްތައް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ގުޅޭ ދާއިރާތަކުން. މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ މެދަކާ ހަމައަށްދާއިރު، މި ސްކޮލަޝިޕުން ތަމްރީނުވާ ޒުވާނުން ވަޒީފާތަކަށް ނެރުން،" ޑރ. ނަޒީރު ވިދާޅުވިއެވެ.

"ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފިއުޗަރ" ނަމުގައި ހުޅުވާލާ މި ސޮކލަރޝިޕްތަކުގެ ދަށުން ކިޔެވޭނީ ސެޓްފިކެޓް ލެވެލުން ފެށިގެން ޑިޕޮލަމާއާއި ހަމައަށެވެ.

img:http://s2.psmnews.mv/images/660x400/15138438762289.jpg|ޑރ.ޢަބްދުﷲ ނަޒީރު

މި އެކްސްޕޯގައި ބައިވެރިވާ ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ޒުވާނުންނަށް ވަޒީފާއާއި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަދުގެ ސަރުކާރުން ކުރައްވާ ވަރަށް އަގުހުރި މަސައްކަތެކެވެ. އަދި މިފަދަ ފުރުސަތުތަކުން ތަފާތު އެކި ދާއިރާތަކުން ދިވެހި ފަންނުވެރިން ފެނިގެންދާނެކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

މި ފުރުސަތުތަކުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތައް އަދި ތަފާތު އިންސްޓިޓިއުޓްތަކުގައި ހިންގާ ޕްރޮގްރާމުތަކުގައި ކިޔެވުމަށް އެ ސްކޮލަޝިޕުން ފުރުސަތު ދޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އެގޮތުން އަންނަ މަހު ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ފެށެންވާއިރަށް ސްކޮލަޝިޕްގެ ހުރިހާ ކަމެއް ނިންމުމަށް އެޑިޔުކޭޝަނުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.

ލޯން ސްކީމްގެ އެހީގައި މިހާރުވެސް 5،200 ކުދިން ކިޔަވަމުންދާއިރު މިދިޔަ ތިން އަހަރު ލޯން ސްކީމަށް ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހޭދަކޮށްފައެވެ.