ކުޅިވަރު

ބްރިސްޓޯލް ސިޓީން ޔުނައިޓެޑް ކަޓުވާލައިފި


އިނގިރޭސި ޗެމްޕިއަންޝިޕުގައި ކުޅޭ ބްރިސްޓޯލް ސިޓީން އިނގިރޭސި ލީގު ކަޕުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިފިއެވެ. 

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުން މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރުވަގުތުގައި ބްރިސްޓޯލްގެ ކޮރޭއީ ސްމިތުއެވެ. މި ނަތީޖާއާއެކު ހޯސޭ މޮރީނިއޯގެ ޓީމަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު ޔުނައިޓެޑްގެ ހޯސޭ މޮރީނިއޯ މެޗަށް ފަހު ބުނީ ބްރިސްޓޯލް މެޗުގައި ދެއްކި ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި، އެމީހުންނަށް މޮޅެއް ހައްޤު ކަމަށެވެ. 

ނަމަވެސް މި މެޗުގައި ކުޅުނީ އޭނާގެ ބަދަލު ކުޅުންތެރިން ކަމަށާއި، ކުޅުންތެރިން ނަގާލީ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. މިއީ 1990 ވަނަ އަހަރު ޝެފީލްޑް ޔުނައިޓެޑުން އިނގިރޭސި ގަދަ ހަތަރު ޓީމުގެ ތެރެއިން ޓީމެއް ލީގު ކަޕުން ކަޓުވާލި ފަހުން ދަށް ޑިވިޝަނުގެ ޓީމެއްގެ އަތުން ގަދަ ހަތަރެއްގެ ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް ކޮޅަށް ގޯލު ޖެހި ކޮރެއާ ބުނީ މިއީ ވަރަށް ތާރީހީ އަދި އުފާވެރި ވަގުތުކޮޅެއް ކަމަށާއި، މިފަދަ ކޮންމެ ގޯލަކީ އެތައް ޒަމާނަކަށް ހަނދާން ހުންނާނެ ގޯލެއް ކަމަށެވެ. ހާއްސަކޮށް އޭނާ ނިސްބަތްވާ އިތިއޯޕިއާގެ ރައްޔިތުންނަށެވެ.

ބޯނެމައުތު ކޮޅަށް އިތުރު ވަގުތުގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުން މޮޅުވެ އިނގިރޭސި ލީގުކަޕް ސެމީ ފައިނަލުގައި އާސެނަލްއާ ވާދަކުރުމުގެ ފުރުސަތު ޗެލްސީން ވަނީ ހޯދާފައެވެ ޗެލްސީގެ ފުރަތަމަ 11 ގައި އާއްމުކޮށް ނުހިމެނޭ ގިނަ ކުޅުންތެރިން ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 13 ވަނަ މިނިޓްގައި ވިލިއަންއެވެ. ބޯނެމައުތު އެއްވަރުކުރީ މެޗުގެ އެންމެ ފަހު މިނިޓްގައި ގޯސްލިން ޖެހި ގޯލުންނެވެ. ނަމަވެސް ރެފްރީ ދެއްކި އިތުރު ވަގުތުގައި މޮރާޓާ ގޯލު ޖެހުމުން ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ވަރަށް ބޮޑަށް ކުޅުންތެރިންނަށް ތައުރީފްކޮށްފައެވެ. އޭނާ ބުނީ އިތުރު ވަގުތުގެ 15 މިނިޓްގެ ދެ ހާފު ކުޅެން ޖެހުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، އެހާލަތަށް ނުގޮސް އޭނާގެ ކުޅުންތެރިން މެޗު ކާމިޔާބު ކުރުމުން އޭނާ ވަރަށް އުފާކުރާ ކަމަށެވެ. ކޮންޓޭ ބުނީ ފަހު ވަގުތު އިދިކޮޅު ޓީމުން ގޯލެއް ޖަހާފައިވަނިކޮށް، މެޗު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހާ މެޗު ކާމިޔާބު ކުރެވޭނީ ވަރަށް ހިތްވަރުގަދަވެގެން ކަމަށާއި، އޭނާގެ ކުޅުންތެރިންގެ ކާމިޔާބީއަށް ބޭނުންވެފައިތިބި މިންވަރާމެދު މާބޮޑަށް ވެސް ހިތްހަމަޖެހޭ ކަމަށެވެ. އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ ނުވައެއް އަދި 23ގައެވެ. ސެމީ ފައިނަލްގެ ފަހު މެޗުގައި ކުޅޭނީ މެންޗެސްޓާ ސިޓީ އާއި ބްރިސްޓޯލް ސިޓީއެވެ.