ކުޅިވަރު

ރޮނާލްޑޯ އަނިޔާގައި, ކްލެސިކޯގައި ކުޅޭވެނެކަން ޔަޤީނެއްނޫން


މާދަމާނޫން އަނެއް ދުވަހު ކުޅޭ އެލްކްލެސިކޯ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކުޅެވޭނެ ކަމާމެދު ޝައްކު އުފެދިއްޖެއެވެ. 

ސްޕޭނުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް ކުޅޭ މި މެޗުގައި މެޑްރިޑުގެ ރޮނާލްޑޯ އަށް ކުޅެވިދާނެ ކަމާމެދު ސުވާލު އުފެއްދީ ވެސް މެޑްރިޑުންނެވެ. އެކުލަބުން ބުނީ ރޮނާލްޑޯ އަށް ކުލަބު ވޯލްޑް ކަޕް ފައިނަލް މެޗުގައި ލިބުނު ހާނިއްކަ މުޅިން ރަނގަޅުނުވާ ކަމަށެވެ. މިހެންވެ މިދިޔަ ދެ ދުވަހު އޭނާ ފަރިތަކުރީ ވެސް ޓީމާ ވަކިން އެކަނި ކަމަށެވެ. ނަމަވެސް މި މުހިންމު މެޗަށް ފިޓްވާން ރޮނާލްޑޯ ވަރަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރެއާލްއިން ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ. 

ރޮނާލްޑޯގެ އިތުރުން ލޫކާ މޮޑްރިޗް އިއްޔެ ފަރިތަކޮށްފައިވަނީ ޓީމާ ވަކިންނެވެ. އޭނާގެ ފަޔަށް ވެސް ވަނީ ހާނިއްކަވެފައެވެ. މޮޑްރިޗަކީ އެންމެ ފަހުން ނިމުނު ކުލަބު ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާއެވެ. ރޮނާލްޑޯ އަކީ ދެ ވަނަ ކުޅުންތެރިޔާއެވެ. ސްޕެނިޝް ލީގުގެ އެންމެ ކުރީގައި އޮތް ބާސެލޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ކާމިޔާބު ކުރަން ރެއާލްއިން ވަނީ ވަރަށް ބޮޑަށް އަމާޒުހިފާފައެވެ. އެއީ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކޮށް، ލީގު ޗެމްޕިއަންކަން ދިފާއުކުރުމަށެވެ. 

މި ދެ ޓީމުގެ މެދުގައި މިވަގުތު 11 ޕޮއިންޓްގެ ފަރަގެއް އޮތްއިރު މިވަގުތު ތާވަލުގެ އެއްވަނާގައި ބާސެލޯނާ އޮތީ 42 ޕޮއިންޓާއެކުއެވެ. ރެއާލް އަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.