މުނިފޫހިފިލުވުން

ޓްރިބިއުޓާއެކު، ނިއުމާ ރޮއްވާލައިފި


8 ވަނަ ދިވެހި ފިލްމް އެވޯޑްސް ގައި، މަޝްހޫރު ފިލްމީ ބަޠަލާ ނިޢުމާ މުޙަންމަދަށް ދިން ޚާއްސަ ޓްރިބިއުޓާއެކު އޭނާ ރޮއްވާލައިފިއެވެ. ނިއުމާ ބުނީ މިއީ އެވޯޑެއް ލިބުމަށްވުރެ އުފާވެރިކަމެއްކަމަށެވެ. 

ދިވެހި ފިލްމް އިންޑަސްޓްރީ މިހާތަނަށްދުށް އެންމެ މޮޅު އެއް ބަޠަލާ ނިޢުމާ މުޙަންމަދު ފިލްމީ ދާއިރާއާ ވަކިވެގެންދާ ވާހަކައަކީ، އޭނައަށް ސަޕޯޓްކުރާ ގިނަ މީހުންގެ އިތުރުން ދާއިރާގެ ފަންނާނުންނަށްވެސް ލިބިގެންދިޔަ ބޮޑު ސިހުމެކެވެ. ނިއުމާ އާއްމުންގެ ތެރޭގައި މަޝްހޫރުވެގެން ގޮސްފައިވަނީ އޭނާގެ މޮޅު ހުނަރާއި ކެރުންތެރިކަމުގެ ސަބަބުންބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑް ހަފްލާތައް ބާއްވަމުން އަންނަ އިރު ނިމިގެންދިޔަ ދިވެހި ފިލްމް އެވޯޑްސް 8 ، ނިމިގެންދިޔާއި ނިއުމާއަށް އެވޯޑެއް ނުލިބިއެވެ. އެހެންނަމަވެސް މި ހަފްލާ ނިމިގެންދިޔައީ ނިއުމާ އުފަލުން ރޮއްވާލާފައެވެ. 

ނިއުމާގެ ފިލްމީ ހަޔާތުގައި ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ މޮޅުއެކްޓެއް ދައްކާ ގިނަ މީހުންގެ ހިތް ރޮއްވާލި ނިއުމާ ފިލްމްގެ ޓްރިބިއުޓެއް ރޭ ދިންއިރު، އެކަންވީ އޭނާއަށް ސަޕްރައިޒަކަށެވެ. އެކްޓްރެސް އައްޒައާއި އެކްޓަރ ޖުމެއިހް ނިއުމާއަށް ހުށަހަޅައިދިން ޓްރިބިއުޓްގައި ފެނިގެން ދިޔައީ ނިއުމާ ފިލްމްގައި " ނިއުމާ" ލަވަ ސްޓޭޖް ޕާފޯމަންސަކުން ދައްކައިގެނެއެވެ. 

މި ޓްރިބިއުޓް ކުރިއަށްދިޔައިރު ނިއުމާގެ މޫނުމަތިން ފެނިގެން ދިޔައީ އުފަލުން ފެންކަޅިވެ ރޮވުނު މަންޒަރެވެ. ނިއުމާ އަށް ސިހުމެއް ލިބިގެންދިޔަ ގޮތަކަށް އަނގަމަތީގައި އަތްއަޅައިގެން ނިއުމާއަށް އިނދެވުނީ އޭނާގެ އަމިއްލަ އެކްޓިންބަލަން ކަޅިހުއްޓިފައެވެ.

ގެވެށި އަނިޔާ ތަހައްމަލްކުރަމުންދާ އަންހެނެއްގެ މައްޗަށް ކުޅެފައިވާ ނިއުމާ ފިލްމަކީ ނިއުމާގެ ފިމްލީ ޙަޔާތުގައި އޭނާ އެންމެ އަގުބޮޑުކޮށް އަދި އަމިއްލައަށް ފުރަތަމ ޑައިރެކްޓް ކުރި ފިލްމެވެ. އާއްމުންގެ މެދުގައި އެންމެ މަޤްބޫލުކަމެއް ލިބިގެން ނިއުމާގެ މި ފިލްމްގެ ޓްރިބިއުޓެއް ސަޕްރައިޒްއެއްގެ ގޮތުގައި ނިއުމާއަށް ދިނުމުން، އޭނާ ބުނީ މިއީ އެވޯޑެއް ލިބުމަށްވުރެ އުފާލިބުނުކަމެއްކަމަށާއި، އޭނާ ފިލްމީ ދާއިރާގައި ކޮށްފައި ހުރި މަސައްކަތް ބަލައިގަނެފައިވާކަމުގެ އިހްސާސްކުރެވޭކަމަށެވެ.

ނިއުމާއަށް ފިލްމީ ދާއިރާއިން މި އަހަރުގެ އޮކްޓޯބަރުމަހުގެ ވިހިވަނަ ދުވަހު ރިޓަޔަރވިކަން އިއުލާންކޮށްފައިވަނީ އޭނާ އެކްޓްކުރާނެ އެންމެ ފަހު ފިލްމް އިއުލާންކުރުމަށްފަހުއެވެ. ނިއުމާ މި ދާއިރާއިން ރިޓަޔަރވި އިރު، "ސެލެބްރޭޓިން 20"ގެ ނަމުގައި އަލްބަމެއް ވެސް ނެރެފައިވެއެވެ. މީގެ އިތުރުން ނިއުމާގެ ހަޔާތުގެ މައްޗަށް ފޮތެއް ވެސް ނެރެން ހަމަޖެހިފައިވެއެވެ. "މައި ސްޓޯރީ"ގެ ނަމުގައި އަހުމަދު ޒަރީރު ލިޔާ މިި ފޮތް ރިލީޒް ކުރެވޭނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.