ކުޅިވަރު

ބޮޑު ޚަރަދުކުރި ސީލައިފަށް މިއީ ނާކާމިޔާބު އަހަރެއް - ނިޒާރު


ހުސް އަތާ ސީޒަން ނިންމާލަން ޖެހުމުން މިއަހަރަކީ ސީލައިފްއަށް ވަރަށް ނާކާމިޔާބު އަހަރެއްކަމަށް ސީލައިފްގެ ނިޒާރު އިބްރާހީން ބުނެފިއެވެ. 

އެސޯސިއޭޝަންގެ ކަޕްގެ ފައިނަލުން އެއްވެސް މެޗަކުން ބަލިނުވެ ސީލައިފް ޖާގަ ހޯދިއިރު، ފައިނަލްގައި ސީލައިފް ބަލިވެފައިވަނީ މޯލްޑިވިއަންއާއި ވާދަކޮށް ތިން ސެޓް އެއް ސެޓުން. ޤައުމީ ލީގްގައިވެސް މާ ރަގަނޅު ކުޅުމެއް ސީލައިފަށް ދެއްކިފައެއް ނުވޭއެވެ. އަދި ޤައުމީ މުބާރާތުގައި ސީލައިފްވަނީ ޕޮލިސް އަތުން ފަސް ސެޓްއަށް ގޮސްގެން ބަލިވެ، މުބާރާތުން ކަޓާފައެވެ. 

ޤައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކަކާއި އެކު، މިއަހަރުގެ ހުރިހާ ތައްޓަކަށް އަމާޒްކޮށްގެން ނިކުތް ސީލައިފް ސްޕޯޓްސް ކުލަބަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުން ޓީމްގެ އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ ނިޒާރު އިބްރާހީމް ބުނީ މިއަހަރުގެ ތިން މުބާރާތަށް ބަލާއިރު، އެސޯސިއޭޝަން ކަޕްއަކީ ސީލައިފްއަށް އެންމެ ކާމިޔާބު މުބާރާތްކަމަށެވެ. 

އެސޯސިއޭޝަން ކަޕްގައި މޯލްޑިވިއަން އަތުން ބަލިވީ، ނަސީބު އެހީތެރިނުވުމުގެ ސަބަބުންކަމަށް ނިޒާރު ބުންޏެވެ. އަދި ގައުމީ ލީގާއި ގައުމީ މުބާރާތުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމުގައި ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވިކަމަށް ނިޒާރު ބުންޏެވެ. 

ނިޒާރު ބުނީ މިއަހަރު ސީލައިފަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ފެންވަރު ދަށްވުމުން، ޓީމްގެ މޯޓިވޭޝަނާއި ޓީމް ނެރެމުންދިޔަ ނަތީޖާތަކަށް ވަރަށް ބޮޑަށް އަސަރުކުރިކަމަށެވެ. ކޮންމެ ޓީމެއްގައިވެސް ބިދޭސީ ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑުކަމަށާއި، ސީލައިފަށް ލީގުގައި ގެނައި ބިދޭސީ ކުޅުންތެރިންގެ ފަރާތުން މާއެދެވޭ ކުޅެމެ ނުފެނުމުގެ ސަބަބުން، ސީލައިފަށް ލީގްގައި ކުރިއަށް ދިއުމަށްވެސް ވަރަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާންޖެހުނުކަމަށް ނިޒާރު އިބްރާހީމް ފާހަގަކުރިއެވެ.

" އޯވަރޯލްކޮށް ވަރަށް ދަށްކޮށް މިދިޔައީ ސިލައިފްއަށް ބަލާކަމަށްވާނަމަ، ވަރަށް ދަށްކޮށް. މިފެންވަރުގެ ކުޅުންތެރިން ތަކެއް ލައިގެން އަދި އެއްވެސް މުބާރާތެއްގެ ދަށްޓެއް ނުލިބި ހުސްއަތާއި ސީޒަން ނިންމާލަން ޖެހުމުން މިއީ ވަރަށް ބޮޑު ނާކާމިޔާބީއެއް. އަދި ހާއްސަކޮށް ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ތިބެ، ހުސްއަތާއި ގެއަށް ދާން ޖެހުމުން، މިއީ ސީލައިފްގެ މެނޭޖްމަންޓްއަށާއި މިކުޅުންތެރިންވެސް ލިބުނު ނާމާމިޔާބީއެއް."

ނިޒާރު ބުނީ މި އަންނަ އަހަރު ސީލައިފް ވަރުގަދަ ކުރުމަށް އަދި ގޮތެއް ނުނިންމާކަމަށާއި މިއަންނަ އަހަރުގެ ޕްލޭންތަކާއި ބެހޭގޮތުން ގޮތް ނިންމާނީ ޓީމްގެ މެނޭޖްމަންޓުންކަމަށެވެ.

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަނުންގެ ގޮތުގައި މިއަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ސީލައިފުންވަނީ ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ އިޝާން އިބްރާހިމް، ހަސަން ނިލާމް، އަލީ ހުޒާމް އަދި މުހައްމަދު ޝާއިން އަދި އަހުމަދު އަހުސަން ފާހަގަކޮށްލެވެއެވެ.