ޚަބަރު

"ދިނީ އިލްމު ފެތުރުމުގައި މެލޭޝިޔާއަކީ މުހިއްމު ބައިވެރިއެއް"


ރާއްޖޭގައި އިސްލާމީ ވަހުދަތު އާލާކޮށް ދީނީ އިލްމު ފެތުރުމުގައި މެލޭޝިޔާއަކީ މުހިއްމު ބައިވެރިއެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއާއި މެލޭޝިޔާއާއި ދެމެދު އުފެދިފައިވާ ގާތްގުޅުމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

އިސްލާމީކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، މެލޭޝިޔާއާއި ރާއްޖެއާ ދެމެދު ސިޔާސީގުޅުން ޤާއިމުކުރިފަހުން މިވޭތުވެދިޔަ އަހަރުތަކުގައި ދީނީ ޢިލްމު ފެތުރުވުމުގައި މެލޭޝިޔާގެ ފަރާތުން ރާއްޖެއަށް ބޮޑެތި އެހީތައް ދެއްވާފައިވާ ކަމަށެވެ. ދެ ޤައުމުގެ ގުޅުމަށް އިޝާރާތްކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ވެރިރަށް މާލޭ ސިޓީގައި ބިނާކޮށްފައިވާ މަސްޖިދުއްސުލްތާން މުޙައްމަދު ތަކުރުފާނުލް އައުޒަމް، ނުވަތަ އިސްލާމީ މަރުކަޒަކީވެސް ދެ ޤައުމުގެ ގުޅުން ވަރަށް ރަނގަޅަށް ސިފަކޮށްދޭނެ ބިނާއެއްކަމަށެވެ. އެގޮތުން އިސްލާމީ މަރުކަޒުގެ ކުރެހުމަކީ މެލޭޝިޔާގެ ބޭފުޅެއްގެ ވިސްނުމާއި، އެބޭފުޅާގެ ތަސައްވުރާއި އެއްގޮތަށް ކުރަހާފައިވާ ބިނާއެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދިނުމުގައި މެލޭޝިޔާ ސަރުކާރުގެ ފަރާތުން ބޮޑެތި އެހީތަކެއް ލިބިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ޤުރުއާނުގެ ފަންނަކީ މެލޭޝިއާގައި ވަރަށް ބޮޑަށް ތަރައްޤީވެ ކުރިއަރަމުން އަންނަ ފަންނެއްކަމަށާއި، ރާއްޖޭގައި ދީނީ ޢިލްމު ކުރިއެރުވުމަށް މެލޭޝިޔާއާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން މެލޭޝިޔާގެ ބައެއް ޔުނިވަރސިޓީތަކާއި ގުޅިގެން ރާއްޖޭގައި ގުރުޢާން ޓީޗަރުން ތަމްރީކުރުމުގެ ހާއްސަ ކޯސްތަކެއް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މިހާރު ތައްޔާރުވަމުންދާކަން އިސްލާމިކް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މެލޭޝިޔާއާއި ރާއްޖެއާއި މި އޮންނަ ގާތްގުޅުމަށް ބަލާލާއިރު، އިމާމުން ތަމްރީންކުރުމަށްޓަކާ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އޭގެ ތެރެއިން 29 އިމާމުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މެލޭޝިއާގައި ހިންގާފައިވޭ. މެލޭޝިޔާގެ ގުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތުގައިވެސް ދިވެހި ޤާރީންނަށް އެހީތެރިކަން ދަނީ ލިބެމުން. މިހާރުވެސް ރާއްޖޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިކޮޅުގައި ހިނގަމުންދާއިރު، އަޅުގަނޑުމެންނަށް މެލޭޝިޔާގެ ނެޝެނަލް ޔުނިވަރސިޓީގެ ޤުރުއާނާއި ބެހޭ ފެކަލްޓީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދޭ. ފަންނީ އެހީ ދިނުމަށްޓަކާ 3 އަހަރު ވެއްޖެ ބޭފުޅަކު ޤަވާއިދުން މިކޮޅަށް ވަޑައިގަންނަވާތާ. ޤުރުއާނުގެ ފަންނަކީ މެލޭޝިޔާގައި ވަރަށް ބޮޑަށް ތަރައްޤީވެ ކުރިއަރަމުން އަންނަ ފަންނެއް. ދިގު ރާގަށް ކިޔެވުމާއި، ތަޖުވީދުގެ އިލްމަށް ބަލާއިރުވެސް ބައިވަރު މަސައްކަތްތަކެއް ކުރެވެމުން އަންނަ ޤައުމެއް. ރާއްޖޭގައި ކިޔަވައިދޭ ޤުރުއާން މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގޭ ކޯސްތަކެއް އަންނަ އަހަރުގެ ކުރީކޮޅު މިވަނީ ރޭވިފައި. އެކަމަށް މެލޭޝިޔާގެ ބައެއް ޔުނިވަރސިޓީތަކުގެ ތެރޭގައި މި އޮންނަ ގުޅުމުގެ ތެރެއިން މިވަނީ މަޤުފަހިވެފައި" ޒިޔާދު ވިދާޅުވިއެވެ. 

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ އިސްވަފްދެއް ކައިރި މުސްތަޤުބަލެއްގައި މެލޭޝިޔާއަށް ދަތުރުފުޅެއްކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ދަތުރުފުޅުގައި ވަކިން ޙާއްސަގޮތެއްގައި ޒަކާތާއި ހައްޖުގެ ނިޒާމް ހަރުދަނާކުރެއްވުމާއި ގުޅޭގޮތުން މެލޭޝިޔާގެ ތަޖުރިބާ ހޯއްދަވާނެކަމަށާއި، މެލޭޝިޔާގެ ކުރިއަރާފައިވާ ބޮޑެތި ޔުނިވަރސިޓީތަކަށްވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.