ޚަބަރު

މެލޭޝިޔާގެ ބޮޑުވަޒީރު މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާނެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުންގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤާއި އެމަނިކުފާނުގެ އަނބިކަނބަލުން ދާތިން ޕަދުކާ ސެރީ ރޮސްމާހް މަންސޫރު މިއަދު ހަވީރު ރާއްޖެ ވަޑައިގަންނަވާނެއެވެ. މިއަދާއި މާދަމާ މެލޭޝިޔާގެ ބޮޑުވަޒީރު ކުރައްވާ މިދަތުރުފުޅުގައި، ދިވެހިރާއްޖެއާއި މެލޭޝިޔާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



މި އަހަރަކީ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 49 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ގޮތުން ދޭދޭގުޅުން ޤާއިމްކުރީ 1968 ގައެވެ. ރާއްޖެއާއި މެލޭޝިޔާއާ ދެމެދު މިހާރުވެސް ދަނީ އިންސާނީ ވަޞީލަތްތަކާއި އަސްކަރީ އަދި ސަލާމަތީ ބާރުތައް ތަރައްޤީކޮށް ކުރިއެރުވުމުގައި އެއްބާރުލުންދީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ހިންގުމާއި އެދާއިރާގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ތަރައްޤީކުރުމުގައި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މެލޭޝިޔާގެ ބޮޑުވަޒީރަކު އެންމެ ފަހުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނީ މީގެ 33 އަހަރު ކުރިންނެވެ. ކުރީގެ ބޮޑުވަޒީރު މަހާތިރް މުޙައްމަދު ރާއްޖެއަށް މި ދަތުރުފުޅު ކުރެއްވީ 1984 ވަނަ އަހަރުއެވެ. މެލޭޝިޔާ އާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން އޮނަވިހިސަތޭކަ ފަސްދޮޅަސް އަށްވަނަ އަހަރު ގާއިމް ކުރިފަހުން މެލޭޝިޔާ ފާހަގަކުރެވެނީ ދިވެހިރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްގެ ގޮތުގައެވެ. މެލޭޝިޔާއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އަދި އިސްލާމީ ސަރުކާރެއް އޮންނަ ޤައުމަކަށްވުމާއި ދެ ޤައުމު ޙިއްޞާކުރާ އެއްގޮތް އާދަކާދަތައް ހުރި ދެޤައުމެވެ.

ހާއްސަ ގޮތެއްގައި ދިވެހިރާއްޖެއާ މެލޭޝިޔާ އާއި ދެޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރިއާއި އިޤްތިޞާދުގެ ގުޅުން ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖެއާ މެލޭޝިޔާ އާއި ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރިތާ ސާޅީސް ނުވައަހަރު ވިއިރު، ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާ އިޤްތިޞާދީ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ އެމްބެސެޑަރ އެޓް ލާރޖް ޒާހިޔާ ޒަރީރު ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މި ދަތުރު ފުޅުގެ ތެރެއިން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން މަތީތައުލީމު ހާސިލްކުރުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެލޭޝިޔާގައި ކިޔަވަމުންދާކަން ފާހަގަކުރައްވާ ޒާހިޔާ ވިދާޅުވީ މަތީ ތައުލީމާބެހޭ އެއްބަސްވުމެއްގައި ދެޤައުމުން ސޮއިކުރާނެކަމަށެވެ. މީގެ އިތުރުން ސިއްޙީ ދާއިރާއާއި ގުޅުން ހުރި މުހިންމު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ޙާއްސަ އެއްބަސްވުމެއްގައި ދެޤައުމުން ސޮއިކުރުމަށް ނިންމާފައިވާކަން ޒާހިޔާ ފާހަގަކުރެއްވިއެވެ.



ތިރީސް ތިން އަހަރު ފަހުން މެލޭޝިޔާގެ އެންމެ އިސްވެރިއަކު ރާއްޖެ ވަޑައިގަންނަވާއިރު، މިދިޔަ އަހަރު މާރޗް މަހުގައި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްވަނީ މެލޭޝިޔާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދިވެހިންނަށް މެލޭޝިއާއަށް ނުވަދިހަ ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ފަހިކޮށްދެއްވާފައިވެއެވެ. މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ މަންޒަރުތަކާއި ތަފްސީލް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ. އެގޮތުން ޕީއެސްއެމްގެ ލައިވް ކަވަރޭޖް މިއަދު މެންދުރުފަހު 3 ގައި ފެށޭނެއެވެ.