ޚަބަރު

ދަމަނަވެށިން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް!


ދަމަނަވެށިން ދޭ ޚިދުމަތްތަކުގެ ތެރެއިން ވެކްސިން ދިނުމާއި، ތުއްތު ކުދިން ކިރުވުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެެވެ.

ދަމަނަވެށިން ފަށާފައިވާ '' ފަހި ޚިދުމަތް'' ޕްރޮގްރާމްގެ ދަށުން އަލަށް ތަޢާރަފްކުރި އެޕޮއިންޓްމަންޓް ޚިދުމަތަކީ ތުއްތު ކުދިން ކިރުވުމާއި ވެކްސިން ޖެހުމަށް ގިނައިރު ކިޔޫގައި މަޑު ކުރަންނުޖެހޭ ގޮތަށް ޤާއިމްކުރި ޚިދުމަތެކެވެ. ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ދަމަނަވެށީގެ ޑިރެކްޓަރ ނަޔާޒް އަޙުމަދު ވިދާޅުވީ، އެޕޮއިންޓްމަންޓް ސިސްޓަމާއެކު ޚިދުމަތް ހޯދާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި ޚިދުމަތުގެ ދަށުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚާއްސަ ސްލިޕެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ނަޔާޒް ވިދާޅުވިއެވެ.

"އެންމެން އެއް ގަޑިތަކެއްގައި ޚިދުމަތް ހޯދަން އައީމަ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަށް ގިނައިރު ކިޔޫގައި މަޑުކުރަންޖެހޭ. އެހެންވުމުން ބައެއް ފަހަރު ރަނގަލު ޚިދުމަތެއް ދިނުމަށް ދަތިވޭ، މިހާރު މިގެނައ ބަދަލުގެ ސަބަބުން މުޅި ދުވަހަށް އިންނާނީ ޚިދުމަތް ބަހާލެވިފައި. ޚިދުމަތް ފަށާނީ 815 ފަށާއިގެން 1330 ހަމަޔަށް ކުރިޔަށް ދާނެ" ނަޔާޒް ވިދާޅުވިއެވެ.

ނަޔާޒް ވިދާޅުވީ، އަންނަ މަހުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ޚިދުމަތް ލިބިގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެވްރެޖްކޮށް ދުވާލަކު 150 ކުދިންނަށް ބަރުދަން ބެލުމުގެ ޚިދުމަތާއި 100 ކުދިންނަށް ވެކްސިން ޖަހާ ކަމަށް ދަމަނަވެށިން ބުނެއެވެ.

މީގެ އިތުރުންވެސް ދަމަނެވެށިން ދޭ އެހެން ޚިދުމަތް ތަކުގެ ތެރޭގައި، ސަރވިކަލް ކެންސަރަށް ސްކްރީން ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ޚާއްސަ ކްލިނިކެއްގެ ޚިދުމަތާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން އެނދުމަތިވެފައިވާ މީހުނަށް ފަރުވާ ދިނުމާއި އާއިލާ ރޭވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް ހިމެނެއެވެ.