ޚަބަރު

ރާއްޖޭގެ މަތީ ތަޢުލީމަށް މެލޭޝިޔާގެ ދީލަތި އެހީ


ދިވެހިރާއްޖެއިން ގިނަ އަދަދެއްގެ ދަރިވަރުންނަށް މެލޭޝިޔާގައި މަތީ ތަޢުލީމު ޙާސިލްކުރުމުގެ ފުރުސަތުތައް ފަހިވެގެންދަނީ ދެ ޤައުމުގެ ސަރުކާރުން ބަހައްޓަވާ ގާތްގުޅުމުގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ. މެލޭޝިޔާއިން ރާއްޖޭގެ ތައުލީމީ ނިޒާމަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތްތައް ފާހަގަކުރައްވާ ޑރ. ނަޒީރު ވިދާޅުވީ، މެލޭޝިޔާގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް އެޤައުމުގެ ސަރުކާރުން ގާތް ކަމެއް ބަހައްޓަވާ ކަމަށެވެ. އެގޮތުން އެ ޤައުމަށް ކިޔަވަންދާ ދަރިވަރުންގެ ވިސާ ކަންތައް ހަމަޖެއްސުމުގައިވެސް ފަހި ގޮތްތަކެއް މެލޭޝިޔާ ސަރުކާރުން ހަމަޖައްސަވާކަން ޑރ. ނަޒީރު ފާހަގަކުރެއްވިއެވެ.

"މިހާރު ދިވެހި ކުދިން އޮންލައިންކޮށް އެޕްލައިކޮށް، ވިސާ ހަމަޖެއްސުމުގެ ކަންތައްތަކުގެ ތެރޭގައި ހަމަޖެހިގެން އެ ކުއްޖާއަށް ވިސާ ލިބުނުކަން އީމެއިލްގެ ޒަރީއާއިން މިހާރު އަންގާނެ. އަޅުގަނޑަށް ހީވަނީ ވަރަށް ގިނަ ބެލެނިވެރިންނަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް މިކަމުން ލިބިގެންދާނެ ކަމަށް،" ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

މެލޭޝިޔާގައި މިހާރުވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތަޢުލީމު ޙާސިލްކުރަމުން އަންނައިރު ސަރުކާރުގެ ތަފާތު އެކި ސްކޮލަޝިޕްތަކުގައި 300 އެއްހާ ދަރިވަރުން އަދި އަމިއްލަ ޚަރަދުގައި 1500 އެއްހާ ދަރިވަރުން އަންނަނީ މަތީ ތަޢުލީމު ޙާސިލްކުރަމުންނެވެ.

ޑރ. ނަޒީރު ވިދާޅުވީ، މެލޭޝިޔާގެ ވަފްދެއް ވަރަށް ފަހުން ރާއްޖެ ވަޑައިގެން އެ ޤައުމުގެ ތަފާތު އެކިއެކި އިންސްޓިޓިއުޓްތަކާއި ޔުނިވާސިޓީތަކުން ވަރަށް ދީލަތި ސްކޮލަޝިޕްތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ފެށުމުގެ ކުރިން އެހުރިހާ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ޑރ. ނަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުން. މީގެ ތެރޭގައި ސްކޮލަޝިޕަށް ހޮވޭ ކުދިންނަށް ޕްލޭސްމެންޓް ހަމަޖެއްސުމާއި ވިސާ ހޯދައިދިނުން ފަހިކޮށްދެވޭނެ،" ޑރ. ނަޒީރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނާއި މެލޭޝިއާގެ އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސާރވިސަސްއާއި ގުޅިގެން އެޑިއުކޭޝަން އެކްސްޕޯއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މެލޭޝިޔާއަކީ ދިވެހިރާއްޖޭގެ ހަޔާރ އެޑިއުކޭޝަން ސެކްޓަރއަށް ވަރަށް ބޮޑެތި ދީލަތި އެހީތަކެއް ވެދެއްވަމުން އަންނަ ޤައުމަކަށްވާއިރު އެޤައުމުން އަންނަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ދީލަތި އެހީތަކެއް ފޯރުކޮށްދެމުންނެވެ.