ޚަބަރު

ޚިތާނީ ފެސްޓިވަލްގެ ކުދިންގެ ގާތަށް ރައީސްގެ އަނބިކަނބަލުން!


ސަދަޤާތު ފައުންޑޭޝަނުން ބާއްވާ މިއަހަރުގެ ޚިތާނީ ފެސްޓިވަލްގެ 2 ވަނަ ބެޗްގެ ކުދިންގެ ގާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ޒިޔާރަތްކުރައްވައިފިއެވެ. 

އެކަމަނާ ވަނީ ހުޅުމާލޭ ރެހެންދި ސްކޫލާއި، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުގައި ޚިތާނު ކޮށްފައި ތިބި ކުދިންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. 

ހުޅުމާލޭގައި ކުރިއަށް ގެންދާ ޚިތާނީ ފެސްޓިވަލަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކބަލުން ކުރެއްވި ޒިޔާރަތުގައި، ޚިތާނުކޮށްފައިވާ ކުދިންނާ އެކުދިންގެ ޢާއިލާތަކާ ބައްދަލުކުރައްވާ ޙާލު ބައްލަވާލެއްވިއެވެ. އަދި އެކުދިންނަށް އެކަމަނާ ވަނީ ހަދިޔާ ބައްސަވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ޚިތާނީ ފެސްޓިވަލްގެ އިންތިޒާމްތައް ކުރިއަށްދާގޮތްވެސް  ބައްލަވާލައްވާފައެވެ. 

ސަދަޤާތު ފައުންޑޭޝަންގެ ޚިތާނީ ފެސްޓިވަލް ކުރިއަށް ގެންދަނީ ހުޅުމާލޭ ރެހެންދި ސްކޫލާއި، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިލޭ ސާބަހަށް މި ޚިދުމަތް ދޭއިރު އެ ފައުންޑޭޝަނުން ކުރިއަށްގެންދާ ޚިތާނީ ފެސްޓިވަލަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ. މިދިޔަ އަހަރު 140 އަށްވުރެގިނަ ކުދިން އެ ފައުންޑޭޝަންގެ ފަރާތުން ޚިތާނުކުރިއިރު މިއަހަރު ހަތަރުސަތޭކަ ކުދިން މި ކޭމްޕްގައި ބައިވެރިކޮށްފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ. ސަދަޤާތު ފައުންޑޭޝަންގެ ޚިތާނީ ފެސްޓިވަލް ގައި މިހާތަނަސް 100 އަށްވުރެ ގިނަ ކުދިން ޚިތާނުކޮށްފައިވެއެވެ. 

މިފެސްޓިވަލްގައި ޚިތާނުކުރުމުގެ ހުރިހާކަމެއް ހަމަޖައްސާފައިވަނީ މުޅިން ހިލެއެވެ. އަދި ޚިތާނުކުރާ ކުދިންނާއި ބެލެނިވެރިންގެ ހުރުމާއި ކެއުމުގެ ޚަރަދުވެސް ހަމަޖައްސާފައިވަނީ ޞަދަޤާތު ފައުންޑޭޝަނުންނެވެ. 

ސަދަޤާތު ފައުންޑޭޝަނުން  ގެންދަނީ  ޚިތާނުކޮށްފަ ތިބި ކުދިންނާއި ބެލެނެވެރިންނަށް ޚާއްސަކޮށް މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށްގެންދަމުންނެވެ. 

ޞަދަޤާތު ފައުންޑޭޝަނުން ޚިތާނީ ކޭމްޕް ކުރިއަށްގެންދާ މިއީ 2 ވަނަ އަހަރެވެ. އެ ފައުންޑޭޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިސްނަންގަވައިގެން އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އަދި މިޖައްމިޔާއިން ދަނީ ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ހިލޭ ސާބަހަށް ހިންގައި މުޖުތަމަޢުގައި އަޅާލުން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.