ޚަބަރު

"ޗައިނާގެ ގުޅުމުގެ ސަބަބުން ޤައުމުތަކުގެ ގުޅުން ހީނަރެއްނުވާނެ"


ރާއްޖެއާއި ޗައިނާއާއި ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދޭދޭ ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެކަމަށާއި، އެކަން އެގޮތަށް ވިޔަނުދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޙާއްސަ ފޯން އިންޓަރވިއުއެއްގައެވެ.

ފޮރިން މިނިސްޓަރ ޑރ. ޢާޞިމް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާއާއި ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ހުޅުވިގެންދިޔަ ފަހި ފުރުޞަތެއްގެގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރަކީ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއްދީގެން، ރާއްޖެ ތަރައްޤީކުރުމަށްޓަކާ މަސައްކަތް ކުރަމުންދާ ސަރުކާރެއްކަމަށާއި، ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދެއްވުމަށްޓަކާ ދުނިޔޭގެ އެކި ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ސަރުކާރެއްކަން ފާހަގަކުރެއްވިއެވެ.

ޗާއިނާއާއި ރާއްޖެއާއި ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދޭދޭ ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ހީނަރުކަން އަންނާނެކަމަށް ބުނެ ދެކޭވޭ ވާހަކަތަކަށް އިޝާރަތްކުރައްވަމުން ފޮރިން މިނިސްޓަރ ޑރ. ޢާޞިމް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުންތަކަށް އެއްވެސް ބުރުލެއް ނާރާނެކަމަށެވެ. ވަކިން ޙާއްސަގޮތެއްގައި ރާއްޖެއާއި އަވަށްޓެރި އިންޑިއާއާއި ދެމެދު އޮތް ގާތްގުޅުމަށް އިޝާރާތްކުރައްވަމުން ފޮރިން މިނިސްޓަރ ޑރ. ޢާޞިމް ވިދާޅުވީ، އިންޑިއާއަކީވެސް ރާއްޖޭގެ ތަރައްޤީގައި މުހިއްމު ބައިވެރިއެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ސިއްހީ ދާއިރާއާއި އަދި އަސްކަރީ ދާއިރާތައް ފަދަ ދާއިރާތައް ކުރިއެރުވުމުގައި އިންޑިއާ އިން ބޮޑެތި އެހީތަކެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑު ދަންނަވާނީ ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު އޮންނަ ޤުޅުމަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫނޭ. ނޫނީ އަރަންޖެހޭނެ ކަމެއްވެސް ނޫނޭ. ޚާއްސަކޮށް އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާއަށް ބަލާކަމަށްވާނަމަ. އިންޑިއާއަކީ އަޅުގަނޑުމެންނާއި ޒަމާންވީ ވަރަށް ގާތްގުޅުމެއް އޮންނަ ޤައުމެއް. ތަފާތު ގިނަގުނަ އެހީތަކެއް ވެދެމުންދާ ޤައުމެއް. އޭގެ ތެރޭގައި އަޅުގަނޑުމެންނަށް ދިމާވާ ތަފާތު ކާރިސާތަކުން އަރައިގަތުމުގައާއި، އެހެނިގެން ގޮތްގޮތުން އެހީތެރިކަމަށް އެދުނަސް އަބަދުވެސް ތައްޔާރަށް އޮންނަ ޤައުމެއް އިންޑިއާއަކީ. އަދި ކުރިއަށްއޮތްތާނގައިވެސް މިގުޅުން އޮންނަނީ މިގޮތަށް. ތަފާތު ދާއިރާތަކުން އަޅުގަނޑުމެންނަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން މިދަނީ. ތަޢުލީމީ، ސިއްހީ ނޫނީ އަދި ސަލާމަތީ ދާއިރާއަށް ބަލާލިކަމުގައިވިޔަސް އިންޑިއާގެ އެހީތައް ފެނިގެންމިދަނީ. އަދި އިތުރު ދާއިރާތަކުންވެސް ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރަމުން މިދަނީ" މިނިސްޓަރ ވިދާޅުވިއެވެ.



ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާޞިމް ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު އަބަދުވެސް އޮންނަނީ ވަރަށް ޒަމާންވީ އެކުވެރި ގާތްގުޅުމެއް ކަމަށެވެ. އަދި މި ގުޅުމަކީ އެހެން ޤައުމުތަކާއި ދެމެދު އޮންނަ ގުޅުންތަކާއި އެއްވެސް ތަފާތުކުރުމެއް އޮންނާނެކަމެއް ނޫންކަމަށެވެ. އަދި ދުނިޔޭގެ ޤައުމުތަކާއެކު އޮންނަ ދޭދޭ ގުޅުންތައް ބަދަހިކުރުމަކީ ސަރުކާރުގެ މަޤްޞަދެއްކަމަށާއި، އެ މަސައްކަތް ކުރުންމަތީ ދެމިތިބޭނެކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

"އެންމެ މަތީ ލެވެލްގެ ވިޒިޓްތަކަށް ބަލާލިއަސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް އިންޑިއާއަށް އެކި ފަހަރުމަތިން ވިޒިޓްތަކެއް ކުރައްވައިފި. އަޅުގަނޑު ޚާރިޖީ ވަޒީރުކަމާއި ހަވާލުވެފައިވެސް، އެންމެ ފުރަތަމަ އަޅުގަނޑު ރާއްޖޭން ބޭރަށް ކުރި ދަތުރެއް ކުރީ އިންޑިއާގެ ޚާރިޖީ ވަޒީރުގެ އަރިހަށް. އެހެންކަމުން މީގެ މި ދައްކައިދެނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގާތްކަން. އެއީ އެހެން ޤައުމެއްގެ ގުޅުމާ އެއްވެސް ގުޅުމެއް އޮންނާނެކަމެއް ނޫން. އެކަން ހަމައެގޮތުގެ މަތިން ކުރިއަށްދާނީ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ ދިވެހި ސަރުކާރުން މިއޮތީ ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމުގެ މަޤުޞަދުގައޭ" މިނިސްޓަރ ވިދާޅުވިއެވެ.



ރާއްޖެއާއި ޗައިނާއާދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކޮށްފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން މިމަހުގެ 6 އިން 9 އަކަށް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.