ޚަބަރު

ދޯނިފަހަރުގައި އައިސް ޕްލާންޓް ޤާއިމްކުރުމަށް ލޯނުދެނީ


މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަށް ހައްލުކުރުމަށް މަސް ދޯނި ފަހަރުގައި އައިސް ޕްލާންޓް ޤާއިމްކުރުމަށް ލޯނުގެ ފުރުސަތަށް އަންނަ ހަފްތާގަ ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެެއެެވެ. މިނިސްޓަރ މިހެން ވިދާޅުވީ ހއ. އިހަވަންދޫގައި މިރޭ ބޭއްވި 37 ވަނަ މަސްވެރިންގެ ދުވަހުގެ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ދޯނި ފަހަރުގައި އައިސްޕްލާންޓް ބެހެއްޓުމުގެ ދެ ނިޒާމެއް ޓެސްޓް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެއް ނިޒާމަކީ ނެނޯ ޓެކޮނޮލޮޖީގެ އެހީގައި މަސްފިނިކުމުގެ ނިޒާމްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނަށް އައިސްލުބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މިފްކޯއިން މިހާރު ވެސް 12 އައިސްޕްލާންޓްގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައިސްޕްލާންޓްތައް ޤާއިމްކޮށް ނިމޭނެކަމަށެވެ.



މިނިސްޓަރ އިތުރަށް ވިދާޅުވީ މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިސަރުކާރުން ގިނަ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން މަހުގެ އަގު އެއްހަމައެއްގައި ހިފެހެއްޓެވީ މި ސަރުކާރުން ކަމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަހަށް އެކަށޭނެ އަގެއް ހޯދައިދިނުމަށްވެސް ގިނަ މަސައްކަތް ކުރަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ޖަލްސާގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، މިސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަން މިއަހަރާއި އަންނަ އަހަރުގެ ބަޖެޓުގައިވެސް ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަށް އެކަށޭނެ ތަރައްޤީ ގެނައީ މިސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.



މިރޭ އިހަވަންދޫގައި ބޭއްވި މަސްވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވި ފަރާތްތަކަށް ވަނީ ހަނދާނީ ހަވާލުކޮށްފައެވެ. މިގޮތުން އެންމެ ގިނައިން މަސް އެކްސޕޯޓް ކުރި ކުންފުނިތަކާއި، ޒުވާން ކެޔޮޅަށާއި، އެންމެ ރަނގަޅަށް މަސް ރިޕޯޓް ފޮނުވާފައިވާ ފަރާތްތަކަށް ވަނީ ހަނދަނީ ފިލާ ދީފައެވެ. މީގެ އިތުރުން މިނިސްޓްރީއަށް އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެއްވި 4 ބޭފުޅަކަށް ވަނީ ހަނދާނީ ފިލާދީފައެވެ. 

މިޖަލްސާގައިވަނީ ރާއްޖޭގެ ކަނޑުތަކަށް އެޅޭ ޕްލާސްޓިކް މަދުކުރުމަށް މިނިސްޓްރީއާއި މަޝްހޫރު ޕާލަ ޖަމްއިއްޔާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.