ކުޅިވަރު

ފާސިރު މޮޅު ކުޅުންތެރިޔާގެ މަޤާމް ދިފާއުކޮށްފި


އެފްއޭއެމުން ހޮވާ 2017 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ނިއުރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) ދިފާޢުކޮށްފިއެވެ.

މިދިޔަ އަހަރު ޓީސީގައި ހުރެ އޭނާ ހޯދި އެވޯޑް މި އަހަރު އޭނާ ހޯދީ ނިއުރޭޑިއަންޓްގެ އަލީ އަޝްފާޤާއި، ޓީސީގެ އިބްރާހިމް މަހުދީ ހުސައިނާއި ވާދަކޮށެވެ. މޮޅު ކުޅުންތެރިޔާގެ އެވޯޑް ފާސިރާއި ހަވާލުކޮށްދެއްވީ މޯލްޑިވްސް ފުޓްބޯލް އެވޯޑްނައިޓްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ސެންޓޭއަކީ މި އަހަރުގެ އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ހޯދި ކުޅުންތެރިޔާވެސްމެއެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީސީގެ ނާއިޒް ހަސަން (ދާދު)އެވެ. އޭނާ އަށް އެވޯޑް ހަވާލުކޮށްދެއްވީ އެވޯޑް ނައިޓްގެ ހާއްސަ މެހުމާން ސްޕެއިނުގެ ބާސެލޯނޭގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލެވެ.

ސީޒަނުގައި އެންމެ މޮޅު ލަނޑެއް ޖަހައިގެން ޖޫލޭ އެވޯޑް ހާސިލްކުރީ ޓީސީގެ ފޯވަޑް އިބްރާހީމް މަހުދީއެވެ. މި މަގާމަށް ކުޅުންތެރިޔާ ހޮވީ އާންމުން ވޯޓުލައިގެނެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދީ ނިއުރޭޑިއަންޓްގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާނު މުހައްމަދެވެ.

img:http://s4.psmnews.mv/images/660x400/15134519006926.jpg|

އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހުށަހެޅި ސަޕޯޓާސް އެވޯޑް ހޯދީ އއ. މާޅޮސްގެ ޓީމުގެ ސަޕޯޓަރުންނެވެ.

އެންމެ މޮޅު ކޯޗަކަށް ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ހޮވުނުއިރު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ހޮވުނީ އެ ޓީމުގެ ސްޕެއިންގެ ފޯވަޑް އެޑްރިއަން ގަލާޑޯއެވެ. 

މި އެވޯޑް ނައިޓްގައި ވަނީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީވެ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ތިން ފަރާތަކަށް އެވޯޑް ދީފައެވެ. އެއީ ނިއުރޭޑިއަންޓްގެ މަސްއޫލުވެރިޔާ ކުއީން އަޙުމަދު ވަހީދާއި ވިކްޓަރީ އުފެއްދުމުގައި ހަރަކާތްތެރިވި ރިނބުދޫ މުޙައްމަދު ނާސިރާއި ވެލެންސިއާގެ ޗެއާމަން އަދީލް ޖަލީލެވެ.