ޚަބަރު

ލިންގކޮކްވިންގގެ އެންމެ ޝަރަފްވެރި އެވޯޑް ދިވެހި ދަރިވަރަކަށް!


މެލޭޝިއާގެ ލިންގކޮކްވިންގް ޔުނިވަރސިޓީގެ އެންމެ ޝަރަފުވެރި އެވޯޑް ދިވެހި ދަރިވަރަކު ހޯދައިފިއެވެ.

ލިންގކޮކްވިންގް ޔުނިވަރސިޓީގެ އެންމެ ޝަރަފުވެރި އެވޯޑްކަމުގައިވާ "ޗާންސެލަރ އެވޯޑް" ހޯދާފައިވަނީ ގއ.މާމެންދޫ ސައީދާ މަންޒިލް ޝިމްހާޒް ޢަލީ ސަޢީދެވެ.

ޝިމްހާޒް މި އެވޯޑް ހާސިލްކޮށްފައިވަނީ ހުރިހާ މޮޑިއުލްއަކުން އޭފާސް ހޯދައިގެން. އަދި ޝިމްހާޒްވަނީ މުޅި ޔުނިވަރސިޓީގެ އެންމެ މޮޅު ދަރިވަރުގެ މަޤާމްވެސް ހޯދާފައެވެ. މިއީ ލިންގކޮކްވިންގ ޔުނިވަރސިޓީން މިފަދަ އެވޯޑެއް ދިވެހި ދަރިވަރަކު ހޯދި ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕަރޓްމަންޓްގައި މަސައްކަތްކުރާ ޝިމްހާޒް ލިންގކޮކްވިންގ ޔުނިވަރސިޓީއިން ތަޢުލީމު ޙާސިލްކޮށްފައިވަނީ މާސްޓާރސް އޮފް ސައިންސް އިން ކޮމްޕިއުޓިންގގެ ދާއިރާއިންނެވެ. އޭނާވަނީ އެ ކޯހުގައި ކިޔެވި 13 މޮޑީއުލްއިން އެންމެ މަތީ މާކްސްހޯދައި ހުރިހައި މާއްދާއަކުން އޭފާސް ހޯދާފައެވެ.

މެލޭޝިއާގެ ލިންގކޮކްވިންގް ޔުނިވަރސިޓީއަކީ އޭޝިޔާ ސަރަހައްދުގައި ފާހަގަކޮށްލޭ ޔުނިވަރސިޓީއެކެވެ. ޕީއެސްއެމްގެ، މޯލްޑިވްސް މީޑީއާ އިންސްޓިޓިއުޓާއި ލިންގކޮކްވިންގް ޔުނިވަރސިޓީގުޅިގެން ރާއްޖޭގައިވެސް ކާމިޔާބު ކޯސްތަކެއް ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.