ޚަބަރު

އިންޑިއާގައި ދިވެހި ސިފައިންނާއެކު ތަމްރީނުތަކެއް ބާއްވަނީ


އިންޑިއާގެ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "އެކްސަޒައިޒް އެކުވެރިން 2017"ގައި ބައިވެރިވާ ދިވެހި ސިފައިން އިންޑިއާއަށް ފުރައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނުތައް ކުރިއަށްދާނީ އިންޑިއާގެ އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދާ ކަރްނާޓަކާ ސްޓޭޓްގެ ބެލްގަމްގައެވެ. މި ތަމްރީނުގައި ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ދެ ޤައުމުގެ ސިފައިންގެ ތަޖްރިބާ ހިއްސާ ކުރާނެއެވެ.

އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން މީގެ ކުރިންވެސް ވަނީ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލ. ކައްދޫގަ ވަނީ އެފަދަ ތަމްރީނު ޕްރޮގްރާމެއް ބާއްވާފައެވެ. މީގެ އިތުރުން ދިވެހި ސިފައިން ވަނީ މިދިޔަ ނޮވެމްބަރު މަހުވެސް މާލޭގައި "ރަންނަމާރި ހަންޓު"ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވާފަ އެވެ.