ސިޔާސީ

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމާބެހޭ އުސޫލު އެކުލަވާލައިފި




ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމާބެހޭ އުސޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލައިފިއެވެ. ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމުގެ އުސޫލުގައި ވާގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަން ޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލުތަކާ ސިޔާސަތުތަކާ އެއްގޮތްވާ މަތިންނެވެ. އަދި އެޑިޕާޓްމެންޓް ހިންގުމުގެ ސިޔާސަތުތަކާއި އުސޫލުތަށްވެސް ކަނޑައަޅާ ފަރާތަކީ ސުޕްރީމް ކޯޓުގެ ޕަނޑިޔާރުންގެ މަޖިލިސް ކަމަށް އެއުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަން ކަށަވަރު ކުރުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެޑިޕާޓްމެންޓަށް ފަނޑިޔާރަކު ކަނޑައަޅަން ޖެހޭނެކަމަށް ސުޕްރީމް ކޯޓުން ނެރުނު އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ.


ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމުގެ އުސޫލު ސުޕްރީމް ކޯޓުން އެކުލަވާލައިފައިވަނީ ޤާނޫނު އަސާސީގެ 141 ވަނަމާއްދާއާއި 156 ވަނަމާއްދާގެ ދަށުން އެކޯޓަށް ލިބިދޭ ބާރުގެ ދަށުންކަމަށް މި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. ޤާނޫނު އަސާސީގެ 141 ވަނަމާއްދާގައި ބަޔާން ކޮށްފައިވަނީ އަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީ ބާރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 156 ވަނަމާއްދާގައި އަދުލު އިންސާފު ޤާއިމު ކުރުމަށްޓަކައި ކޯޓުތަކުން ކުރާ އެންމެހާ ކަންތައްތަށް ރައްކާތެރިކޮށް ކޯޓުތަށް ހިންގުމާ ބެހޭ ޤަވާއިދު ހެދުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށް ބަޔާންކޮށްފައިވެއެވެ.