ކުޅިވަރު

ސިޓީގެ ކުޅުންތެރިންނަކީ އަޙުލާގެއް ނެތް ބައެއް - މޮރީނިއޯ


މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަހުލާގީ ފެންވަރު ނެތް ކަމަށް ދޭހަވާ ގޮތަކަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވާހަކަ ދައްކައިފިއެވެ.

އޭނާ މިހެން ބުނީ މި ދެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށް އުފާފާޅު ކުރުމުގެ ތެރޭގައި ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން މޮރީނިއޯ ގަޔަށް ކިރާއި ފެން ޖެހި މައްސަލާގައި ވާހަކަ ދައްކަމުންނެވެ.

މޮރީނިއޯ ގަޔަށް ކިރާއި ފެން ޖެހީ ޗޭންޖިން ރޫމުން ނުކުމެންގެން ޕޯސްޓް މެޗު އިންޓަވިއުއަށް ދާން އުޅެނިކޮށެވެ. އެވަގުތަކީ ދަނޑޫމަތީގައި އުފާފާޅުކޮށް ސިޓީގެ ކުޅުންތެރިން ޓަނަލް އަށް ވަދެ ޗޭންޖިން ރޫމަށް ދިޔަ ވަގުތެވެ. މޮރީނިއޯ ބުނީ މިއީ އޭނާ ވާހަކަ ދައްކަން ބޭނުންވާ މައްސަލައެއްނޫން ކަމަށާއި ނަމަވެސް މިފަދަ ބޭއަދަބީ ކަންކަންކުރަނީ ތިމާއަށް ލިބިފައިވާ ތަރުބިއްޔަތާއި ތަޢުލީމީ ފެންވަރު ދަށް މީހުން ކަމަށެވެ.

ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާގެ ޓީމުން އުފާފާޅު ކުރުމުގައި ހުންނަންޖެހޭ އިންތައް ފަހަނައަޅައި ނުދާ ކަމަށެވެ. އަދި ކަންހިނގައިދިޔަ ގޮތް އިނގިރޭސި އެފްއޭއަށް ލިޔުމުން ހުށަހަޅާނެ ކަމަށެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން އުފާފާޅު ކުރީ އެންމެ ބޮޑު ވާދަވެރިޔާ އަތުން މޮޅުވުމުން ކަމަށާއި އެއީ އުފާފާޅު ކުރުން ހައްގު ވަގުތެއް ކަމަށެވެ.

އިނގިރޭސި ލީގުގެ ކުރީގައި އޮތް މި ދެ ޓީމުގެ މެޗުން ޔުނައިޓެޑް ބަލިވުމުން ސިޓީ އަށް ވަނީ ޓޭބަލުގެ ކުރީގައި 11 ޕޮއިންޓްގެ ލީޑެ ލިބިފައެވެ. އަދި މި މެޗަކީ ލީގުގައި ޖެހިޖެހިގެން ސިޓީ މޮޅުވި 14 ވަނަ މެޗުވެސްމެއެވެ. 

މޮރީނިއޯ ގަޔަށް ކިރާއި ފެން ޖެހި މައްސަލަ ބަލަން އިނގިރޭސި އެފްއޭއިން ނިންމާފައިވާއިރު ސިޓީން ކުރިން ބުނެފައިވަނީ މިއީ ގަސްތުގައި ކުރި ކަމެއްނޫން ކަމަށެވެ.