ވިޔަފާރި

މިފްކޯއިން ރާއްޖޭގެ ދެކުނުގައި 2 ޕައުޗު ޕްލާންޓް ތަރައްޤީ ކުރަނީ


ރާއްޖޭގެ ދެކުނުގައި 2 ޕައުޗު ޕްލާންޓް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މި ޕައުޗު ޕްލާންޓްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްތައް ފަހުން އިޢުލާންކުރާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ، ދެކުނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު ފަންސަވީސް ޓަނުގެ މަސް ބަންދުކުރެވޭ ވަރުގެ ޕްލާންޓުތަކެއްކަމަށެވެ. މި ޕްލާންޓްތަކުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އަމާޒަކީ އަންނަ އަހަރުތެރޭ އެ ޕްލާންޓުތަކުގައި މަސް ބަންދުކޮށް ބޭރު ޤައުމުތަކަށް އެކްސްޕޯޓު ކުރަން ފެށުންކަމަށް އަދްލީ ވިދާޅުވިއެވެ.

މިފްކޯއިން މިހާރުވެސްވަނީ ޅ.ފެލިވަރުގައި ޕައުޗް ޕުލާންޓެއް ތަރައްޤީކޮށްފައެވެ. އެ ޕްލާންޓުގެ މަސައްކަތް ނިންނާ މި މަހުގެ ތެރޭގައި ޕައުޗުގައި މަސް ބަންދުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު އެތަނުގައި ބަންދުކުރާމަސް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރަން ފެށޭނެ ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.