ވިޔަފާރި

ސަބާގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 25 ވަނަ ދުވަހުބާއްވަނީ


"ސަބާ މޯލްޑިވްސް" ކޯޕަރޭޓިވް ސޮސައިޓީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ރަޖިސްޓްރޭޝަން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަންސަވީސްވަނަ ދުވަހު ދަރުބާރުގޭގައެވެ.

"ސަބާ މޯލްޑިވްސް"ގެ އަހަރީ އާންމު ޖަލްސާގެ ރަޖިސްޓްރޭޝަން ކުރިއަށްދަނީ، އިކޮނޮމިކް މިނިސްޓްރީގައި ހުންނަ ސަބާ ކޯޕަރޭޓިވްގެ އޮފީހުގައެވެ. މީގެއިތުރުން އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

"ސަބާ މޯލްޑިވްސް" ކޯޕަރޭޓިވް ސޮސައިޓީއަކީ، ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ އަންހެން ކަނބަލުންނަށް ޙާއްޞަކޮށްގެން ސާކް ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން 2013 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއަކީ ސަރުކާރުގެ ސާޅީސް އިންސައްތައާއި، ގޭގައި ތިބެގެން އުފެއްދުންތެރި މަސައްކަތްކުރާ އަންހެން ކަނބަލުންގެ ފަސްދޮޅަސް އިންސައްތަ ޙިއްޞާވާ ޖަމްޢިއްޔާއެކެވެ. "ސަބާ މޯލްޑިވްސް"ގެ އާންމު މެންބަރުންގެ އަދަދު ދެހާހާ ގާތްކުރެއެވެ.