ޚަބަރު

"އިންތިޚާބުގެ މަސައްކަތްކޮށްދޭންވީ ޤައުމުގެ މުސްތަޤުބަލަށްޓަކާ"


އަންނަ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދޭންވީ ޤައުމުގެ މުސްތަޤުބަލު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތެއްކަމަށް ޤަބޫލުކޮށް، އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ބޭނުންކުރާނެ ރަސްމީ އޮފީސް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. 

ޕީ.ޕީ.އެމްގެ އިސްވެރިންނާއި އަދި މެންބަރުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަލަށް ހުޅުވުނު ކެމްޕެއިން އޮފީހަކީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް ކުރުމަށް އެޅިގެންދިޔަ ބިންގަލެއްކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ސަރުކާރާއި، ރައީސް ޔާމީނަށް ތާޢީދުކުރައްވާ އެންމެހާ ބޭފުޅުން ވަރަށް ހިތްވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ކޮންމެ ބޭފުޅަކުވެސް ކެމްޕެއިންގެ މަސައްކަތުގައި ހަރަކާތްތެރިވާންވީ ޤައުމަށް ލިބިގެންދާ ކުރިއެރުމާއި މަންފާ ދެނެތިބެ އެބޭފުޅެއްގެ އަމިއްލަ ކަމެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ކަމަށާއި، ރިޔާސީ އިންތިޚާބާއި ޕީ.ޕީ.އެމުން ކުރިމަތިލަނީ ކުރިން އޮތް މެޖޯރިޓީއާއެކު ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ މަސައްކަތް މުޅިރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށްގެންދަން ޖެހޭކަމަށެވެ. އަދި އެކަމުގައި ޕީ.ޕީ.އެމްގެ މެންބަރުންގެ ރޯލު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން  ހުރިހާ ރައްޔިތުންވެސް މިއަދު ރާއްޖެ މިދެކޭ ތަރައްޤީ ބަލައިގަނެ އެތަރައްޤީއަށް ތާއީދުކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.



މީގެ އިތުރުން ރައީސް ވިދާޅުވީ ޗައިނާއާއެކު ސޮއިކުރެއްވި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިގްތިސާދީގޮތުން ރާއްޖެއަށް ލިބެންޖެހޭ ހައްޤު މަގާމުލިބިގެންދާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ކެމްޕެއިންގެ ހަރަކާތްތަކުގައި އެންމެ ސާބިތުކަމާއެކު މަސައްކަތްކުރައްވަނީ އަނބިކަނބަލުން ފާތިމަތު އިބްރާހީމްކަން ފާހަގަކުރައްވާ އެކަމަނާއާއި އެކަމަނާއާއެކު މަސައްކަތްކުރައްވާ ޕީ.ޕީ.އެމްގެ އިސްވެރިންނާއި އެކިއެކި މެންބަރުންނަށް  ރައީސް ޝުކުރުއަދާކުރެއްވިއެވެ.

ވެސްޓްޕާކް ސަރަހައްދުގައި ޕީ.ޕީ.އެމްއަށް ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ހުޅުވި ކެމްޕެއިން އޮފީހާއެކު ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރެވޭ އިދާރީ މަސައްކަތް ފަސޭހަވެގެންދާނެކަމަށް ރައީސްގެ ވަހަކަފުޅުގަ ފަހަގަކުރެއްވިއެވެ. އަދި އަލަށް ހުޅުވި ކެމްޕެއިން އޮފީހުގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ އިތުރުން 2019 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތައްޔާރީތަކަށްވެސް ކުރިއަށްދާނެކަން ރާއީސް ވިދާޅުވިއެވެ.