ޚަބަރު

"ޕީއެސްއެމް ކަނެކްޓް" ތަޢާރަފްކޮށްފި


ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ކޭބަލް ޓީވީގެ ޚިދުމަތް "ޕީއެސްއެމް ކަނެކްޓް" ތަޢާރަފްކޮށްފިއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ޗެނަލްތައް ހިމެނޭ "ޕީއެސްއެމް ކަނެކްޓް"ގެ ޚިދުމަތް ތަޢާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ. ޕީއެސްއެމް ކަނެކްޓްގެ ޚިދުމަތް ތަޢާރަފްކޮށްދެއްވުމަށްފަހު މިނިސްޓަރ ޒަމީރު ވިދާޅުވީ، މި ޚިދުމަތަކީ ރާއްޖެއަށް އަންނަމުންމިދާ އިޤްތިސާދީ ބަދަލުތަކުގައި ވަރަށް ބޮޑު ޙިއްސާއެއްވާނެ ޚިދުމަތެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި ހުރިހާ ފަރާތެއްގެ ދިރިއުޅުން ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓިންގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ.ޚަލީލް ވިދާޅުވީ، ޕީއެސްއެމް ކަނެކްޓުގެ ޚިދުމަތް ދިނުމަށް ދެފަރާތަކާއިއެކު ކޮމާޝަލް އެއްބަސްވުމެއް އެކުލަވާފަވީ ނަމަވެސް ކުރިއަށް އޮތްތަނުގައި މި ޚިދުމަތްދޭ ހުރިހާ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާނެކަމަށެވެ. އަދި އެ އެއްބަސްވުންތަކާއެކު ހުރިހާ ފަރާތަކަށް ވިޔަފާރީގެ މަންފާއާއި ޚިދުމަތުގެ ހިތްހަމަޖެހުމާއި ރައްޔިތުންނަށް ލުއި ފަސޭހަ އަގުތަކެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް ޚަލީލް ވިދާޅުވިއެވެ."ޕީއެސްއެމް ކަނެކްޓް"ގެ ޚިދުމަތަކީ ސްމާޓް ޑިވައިސަސް މެދުވެރިކޮށް މުޅި ރާއްޖެއަށް އެއްފަހަރާ ދެވުނު މިފަދަ ފުރަތަމަ ޚިދުމަތެވެ. މިޚިދުމަތުގައި މަޝްހުރު ޓީވީ ޗެނަލްތަކުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑްގެ ޚިދުމަތްވެސް ހިމެނިފައިވެއެވެ. ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ ވީޑިއޯ އޮން ޑިމާންޑްގެ ޚިދުމަތާއެކު މީގެ ކުރީގެ އެތައް އަޑުތަކަކާއި މަންޒަރުތައް ބެލުންތެރިންނާއި ހަމައަށް ޕީއެސްއެމް ކަނެކްޓްގެ މެދުވެރިކޮށް ތިލަކޮށްދޭނެ ކަމަށެވެ. އިކްރާމް ވިދާޅުވީ، ޕީއެސްއެމް ކަނެކްޓްގެ ޚިދުމަތަކީ ފުރާ ފުރިހަމަވެފައިވާ ވަސީލަތެއްކަމަށާއި މި ޚިދުމަތަކީ މުޅި ރާއްޖެ ބަދަލުކޮށްލާނެ ވަރުގަދަ ޚިދުމަތަކަށްވާނެ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/15130714097053.jpg|ޓޫރިޒަމް މިނިސްޓަރ ޕީއެސްއެމް ކަނެޓް ލޯންޗްކޮށްދެއްވަނީ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، މި ޚިދުމަތަކީ ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ޕީއެސްއެމްއިން މިވަރުގެ މަސައްކަތެއް ފެށުމަކީ މި މަސައްކަތްކުރާ އެހެން ކުންފުނިތަކުން ނަމޫނާއެއް ކަމަށްދެކި ވާދަވެރި ރޫޙެއްގައި މަސައްކަތްކުރަން ހުޅުވުނު ދޮރެއްކަމުގައި އޭނާ ވިދާޅުވިއެވެ.ރާއްޖެ އޮންލައިންގެ އެކްޓިންގ ސީއީ ޢަބްދުއްނާފިޢު ތަޢުފީޤް ވިދާޅުވީ، މާލޭގައި އެ ކުންފުނިން ޤާއިމްކޮށްފައިވާ ފައިބަރ އިންފްރާސްޓްރަކްޗާރއަކީ މާލޭގައި މިވަގުތު އޮތް އެންމެ ޒަމާނީ އަދި އެންމެ ފެންވަރު ރަނގަޅު ނެޓްވޯކް ކަމަށެވެ. އެގޮތުން ފައިބާރ ނެޓްވޯކްގެ ތެރެއިން ޕީއެސްއެމް ކަނެކްޓްގެ ޚިދުމަތް ފޯރުކޮށްދޭއިރު، ކޮލިޓީ ދަށްނުވާނެ ފަދަ ގޮތްތައް ހަމަޖައްސާފައިވާނެ ކަމަށެވެ.މިއަދު ތަޢާރަފްކުރި ޕީއެސްއެމް ކަނެކްޓްގެ ޚިދުމަތް ކޮމާޝަލް ސާވިސްއެއް ގޮތުގައި ފެށެންދެން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.