ރިޕޯޓް

ފުލުހުންގެ ތަޙްޤީޤީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް!


ސުލްހަވެރި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ ފުލުހުންނެވެ. ދިވެހި ކޮންމެ ރައްޔިތަކަށްމެ ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާނޫނު އަސާސީން ފުލުހުންގެ މައްޗަށް ލާޒިމްކޮށްފައިވާއިރު، މިކަންކަން ކަށަވަރުކުރުމަށްޓަކާ ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފުލުހުންގެ އިންޓެލިޖެންސް ދާއިރާއާއި ތަޙްޤީޤީ ދާއިރާ އިތުރަށްފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލެވެއެެވެ.

ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް، އެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށްޓަކާ، 2014 އިން 2018 ގެ ނިޔަލަށް ފުލުހުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންގައި އެންމެ ބޮޑު އިސްކަމެއްދީފައިވާ އެއް ދާއިރާއަކީ ފުލުހުންގެ ތަޙްޤީޤީ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމެވެ.

އެގޮތުން 2016 ވަނަ އަހަރު ފުލުހުންގެ މުއައްސަސާއިން ވަނީ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށްފައެވެ. މިއާއެކު ތަހުޤީޤުކުރުމާއި، ތަޙުޤީޤަށް ބޭނުންވާ ސަޕޯޓް އެލިމެންޓްސްގެ ގޮތުގައި ފާހަގަކުރެވޭ ފޮރެންސިކް ޓެކްނޮލޮޖީގެ ދާއިރާއާއި، ކަސްޓޯޑިއަލް ފެސިލިޓީސްތަކާއި، އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ދެވޭ ތަމްރީންތައް ފުޅާވެގެން ގޮސްފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

މި ސެންޓަރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް ދާއިރާއާއި ތަޙްޤީޤީ ދާއިރާ ތަރައްޤީކުރުމަށް ފާއިތުވި ދެތިން މަހުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ފުލުހުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ބޭނުންވާ ތަމްރީންގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ޙާއްސަ މަޝްރޫޢެއް ފަށާފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން މައިގަނޑު 5 ދާއިރާއެއް ތަރައްޤީކުރުމަށްޓަކާ 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ. 

މި މަޝްރޫޢުގެ ދަށުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ފުލުހުންގެ މުޢައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް ޝިފާން ވަނީ ހިއްސާކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/2462.jpg|ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން - ފޮޓޯ: ޕޮލިސް މީޑިއާ

"ވަކި ވަކިން ބަލާލާނަމަ، މުވައްޒަފުން ތަމްރީން ކުރުމަށްޓަކާ ވަރަށް ބޮޑު ހޭދައެއް ކޮށްފައިވާނެ. އެކި އެކި ބޮޑެތި މައްސަލަތައް ތަހުޤީޤުކުރާ ފަރާތްތަކަށް ބޭނުންވާ ހާއްސަ ތަމްރީންތައް ދިނުމަށްޓަކާ ޔޫރަޕްގެ ބޮޑެތި ޕޮލިސް އެކަޑަމީތަކަށް ފޮނުވާފައިވާނެ. އަދި ތަހުޤީޤު ކުރާ ފަރާތްތައް ތަމްރީން ކުރުމަށާއި، މި ސެންޓަރު އިތުރަށް ފޯމަލައިޒްކޮށް ސްޓޭންޑަޑައިޒްކުރުމަށްޓަކާ އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސްގެ އެހީތެރިކަން އަޅުގަނޑުމެން މިދަނީ ހޯދަމުން. އެގޮތުން އޮސްޓްރޭލިއާގެ މިފަދަ ސެންޓަރެއްގައި މަސައްކަތްކުރައްވާ ވަރަށް އިސްބޭފުޅެއް ޖެނުއަރީމަހުގެ ފަހުކޮޅު އަޅުގަނޑުމެންގެ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ ކަންތައްތައް ބެލުމަށްފަހު، އެކަންކަން އިތުރަށް ފޯމަލައިޒްކުރުމަށްޓަކާ ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން މާލެ ވަޑައިގެން މަސައްކަތްކުރައްވާނެ. މިއީ ހަމަގައިމުވެސް މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރެއް އަލަށް ޕޮލިސް ސަރވިސްގައި އުފެދި، ވަރަށް ޙާއްސަ މަޤްޞަދެއް މިކަމުގެ ތެރޭގައިވާއިރު، މި މަޤްޞަދު ހާސިލުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޤަބޫލުކުރެވޭ" ޝިފާން ވިދާޅުވިއެވެ.ޝިފާން ވިދާޅުވީ، މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ އެދެވޭ ނަތިޖާ މިހާރުވެސް ފެންނަން ފަށާފައިވާކަމަށެވެ. އެގޮތުން ފުލުހުންނަށް ހުށައެޅޭ ބޮޑެތި މަސައްލަތަކުގައި، ތަހުޤީޤީ މަރުހަލާއަށް ހޭދަވާ މުއްދަތު އެތައް ގުނައެއް ކުޑަކުރެވި، ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ޝިފާން ފާހަގަކުރެއްވިއެވެ.

"މިފަދަ ރަނގަޅު ސިސްޓަމެއްގެ ތެރެއިން މިކަންދާއިރު، ތަހުޤީޤުކުރުން އަވަސްވުމާއި، ހެކީގެ ބަރުދަން ލުއިވުމާއި، މިކުރެވޭ މަސައްކަތަކީ ދެފުށްފެންނަށް، ޤާނޫނީއިމުގެ ތެރެއިން ކުރެވެމުންދާ ކަންތައްތަކެއްކަމުގައިވުން. އެންމެ ބޮޑު ކާމިޔާބީއަކީ މި މަޝްރޫޢުގައި ފެންވަރު ރަނގަޅު، އަވަސް، ޓްރާންސްޕޭރެންޓް ގޮތެއްގައި ތަހުޤީޤީ މަރުހަލާ ކުރިއަށްގެންދެވުން" ޝިފާން ވިދާޅުވިއެވެ.

ތަޙްޤީޤީ ދާއިރާގައި މަސައްކަތް ކުރާ ފުލުހުންނަށް ބޭނުންވާ ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ފުލުހުންގެ ފޮރެންސިކް ސަރވިސަސް ހަރުދަނާކުރުމަށްޓަކާވެސް މަސައްކަތްތަކެއް ކުރަމުންދާކަން ޝިފާން ފާހަގަކުރެއްވިއެވެ. އެގޮތުން ފުލުހުން ތަޙްޤީޤުކުރާ ތަފާތު މައްސަލަތަކަށް ބޭނުންވާ ހެކި ހޯދުމާއި، މެނޭޖުކޮށް ބެލެހެއްޓުމުގައި ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކުރުމާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ފަންނީ ބޭފުޅެއްގެ އެހީތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޝިފާން ވިދާޅުވިއެވެ. މީގެއިތުރުން އެފް.ބީ.އައިއާއި އިންޓަރޕޯލް ފަދަ ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޝިފާން ވިދާޅުވިއެވެ.