ޚަބަރު

2،050 ސްކޮލަޝިޕާއެކު ވަޒީފާގެ އިތުރު ފުރުސަތުތަކެއް


ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް އަންނަނީ އިންގިލާބީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގަމުން އަންނައިރު، ސަރުކާރުގެ އަމާޒަކީ އެ މަޝްރޫއަތަކުން އުދެފޭ ވަޒީފާތަކަށް ފަންނީ އަދި ތަޢުލީމީ ދިވެހި ޒުވާނުން ނެރުމެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި، ޒުވާނުން ބިނާކޮށް ބާރުވެރި ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އެންމެ ބޮޑު އެއް އަމާޒަށްވާއިރު، ޒުވާނުންނަށް އެކި ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޔާމިން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރާއްޖޭގެ ތަރައްޤީއާ ގުޅޭ ދާއިރާތަކުން ޒުވާނުންނަށް މަތީ ތަޢުލީމު ދިނުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްތައްކެވެ.

މި މަސައްކަތުގެ ދަށުން އަންނަ އަހަރުގެ ތެރޭގައި މަތީ ތައުލީމުގެ 3،050 ފުރުސަތު ޒުވާނުންނަށް ހުޅުވާލާނެކަމުގެ އުފާވެރި ހަބަރު ރައީސް ޔާމީންވަނީ ދެއްވާފައެވެ. އެއީ 2،050 ސްކޮލަޝިޕާއި 1،000 ލޯނުގެ ފުރުސަތެވެ.

މި ފުރުސަތުތަކުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކާއި ދެ ޔުނިވާސިޓީގައި ހިންގާ ޕްރޮގްރާމުތަކުގައި ކިޔެވުމަށް އެ ސްކޮލަޝިޕުން ފުރުސަތު ދޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނއެވެ. އެގޮތުން އަންނަ މަހު ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުން ފެށެންވާއިރަށް ސްކޮލަޝިޕްގެ ހުރިހާ ކަމެއް ނިންމުމަށް އެޑިޔުކޭޝަނުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.

ސަރުކާރުން ހުރިހާ ޚަރަދެއްކުރާ ގޮތަށް ހަމަޖެހިފައިވާ މި ސްކޮލަޝިޕާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، އަންނަ ހަފްތާގައި ހުޅުވާލުމަށް ނިންމާފައިވާ 2،050 ސްކޮލަޝިޕްގެ ފުރުސަތަކީ ސްކޮލަޝިޕް ސްކީމެއްގެ ދަށުން މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށެވެ.

ޑރ. ނަޒީރު ވިދާޅުވީ، ސްކޮލަޝިޕްތައް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ގުޅޭ ދާއިރާތަކުން ކަމަށެވެ. އަދި މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ މެދަކާ ހަމައަށްދާއިރު، މި ސްކޮލަޝިޕުން ތަމްރީނުވާ ޒުވާނުން ވަޒީފާތަކަށް ނެރުން ކަމަށްވެސް ޑރ. ނަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް މިބަލަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކާ ގުލޭ ދާއިރާތަކަށް. އެއީ އެމްއޭސީއެލް ކަމަށް ވިޔަސް، ރީޖަނަލް އެއަރޕޯޓުތައް ކަމަށްވިޔަސް، އަދި މިހާރު ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތް ޓޫރިޒަމަށް ބެލިޔަސް ތަމްރީނުވެފައި ތިބި ދިވެހިން އެބަޖެހޭ ވަޒީފާތަކުގައި އުޅެން،" ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

 ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފިއުޗަރ ނަމުގައި ހުޅުވާލާ މި ސޮކލަރޝިޕްތަކުގެ ދަށުން ކިޔެވޭނީ ސެޓްފިކެޓް ލެވެލުން ފެށިގެން ޑިޕޮލަމާއާއި ހަމައަށެވެ. މި ސްކޮލަރޝިޕްތަަކަށް އިއުލާންކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޓެން ޓު ޓެން" ހަފްލާގައި މި ސްކޮލަޝިޕްތަކަށް ކުރިމަތިލމުގެ ފުރުސަތު ހުޅުވާލާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ލޯން ސްކީމްގެ އެހީގައި މިހާރުވެސް 5،200 ކުދިން ކިޔަވަމުންދާއިރު މިދިޔަ ތިން އަހަރު ލޯން ސްކީމަށް ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހޭދަކޮށްފައެވެ.