ކުޅިވަރު

ގާޑް މުލާގެ ރެކޯޑަކާ މެސީ އަނެއްކާ ވެސް ހަމަހަމަކޮށްފި


ޖަރުމަނުގެ ގާޑް މުލާގެ ރެކޯޑަކާއި ބާސެލޯނާގެ އާޖެންޓީނާ ކެޕްޓަން ލަޔޮނަލް މެސީ އަނެއްކާ ވެސް ހަމަހަމަކޮށްފިއެވެ.

ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން ބާސެލޯނާ 2-0އިން މޮޅުވި މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ލީގެއްގައި އެއް ކުލަބަކަށް އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އަށެވެ. އެއީ ޖުމުލަ 525 ގޯލާއެކުގައެވެ.

މުލާ މި ރެކޯޑް ހެދީ 1965 އިން 1979 އަށް ބަޔާން މިއުނިކަށް ކުޅެގެންނެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފުރްތަމަ ލަނޑު ޖެހީ ލުއިސް ސުއަރޭޒް. މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ވާދަވެރި ޓީމުތައް މޮޅުވެފައިވުމުން މި މެޗުގައި ބާސެލޯނާ އަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރިމަތިވި ކަމަށެވެ. އަދި ވިޔަރެއާލް ވަރަށް މޮޅަށް ކުޅުނު ކަމަށާއި ހުރިހާ ގޮތަކުން ވެސް މިއީ ބާސެލޯނާއަށް މޮޅުވާން އުނދަގޫވި މެޗެއް ކަމަށެވެ.

ސްޕެނިޝް ލީގުގައި ފަސް ޕޮއިންޓްގެ ލީޑަކާއެކު ބާސެލޯނާ އެއްވަނާގައިވަނީ 39 ޕޮއިންޓާއެކުގައެވެ. ދެ ވަނާގައިވަނީ 34 ޕޮއިންޓާއެކު ވެލެންސިޔާއެވެ.