ޚަބަރު

ގެއްލުނު މަސްވެރިން ހޯދުމަށް އިންޑިއާ ސިފައިން ރާއްޖޭގައި


ތޫފާން "އޯޗީ"ގައި ގެއްލުނު މަސްބޯޓްތަކާއި މަސްވެރިން ހޯދުމަށް އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަލަން ފަށައިފިއެވެ.

ދިވެހި އަސްކަރިއްޔާގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ތޫފާނުގައި ގެއްލުނު އިންޑިއާގެ މަސްވެރިންނާއި، މަސްބޯޓުތައް ހޯދުމަށްޓަކައި އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ މަތިންދާބޯޓަކާއި، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ އުޅަންދެއް ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަރަޙައްދު ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އިންޑިއާ އަސްކަރިއްޔާއިން މިމަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެންކަމަށް ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ކަނޑުގެ ސިފައިން ގެންދަނީ ތޫފާން "އޯޗީ"ގެ ސަބަބުން އިންޑިއާ އާއި ލަންކާއިން ގެއްލުނު މަސްވެރިންނާއި މަސް ބޯޓްތައް ހޯދުމަށް ރާއްޖޭގެ އުތުރުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ސިފައިންގެ ކޯސްޓްގާރޑް ޝިޕް ޝަހީދު ޢަލީއާއި، ނޫރައްދީން އުތުރުގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާކަމަށް ސިފައިން މައުލޫމާތުދެއެވެ.

ތޫފާން "އޯޗީ"ގައި އިންޑިއާގެ 37 މަސްބޯޓާއި، ސްރީލަންކާގެ 30 މަސްބޯޓް އިންޑިއާ ކަނޑައަށް ގެއްލިފައިވާކަމަށް އެޤައުމުތަކާ ޙަވާލާދީ ދިވެހި އަސްކަރިއްޔާއިން މައުލޫމާތުދެއެވެ.