ކުޅިވަރު

ރެކޯޑް ހަދަން ނުވިސްނަން، ބޭނުމީ ޔުނައިޓެޑް ބަލިކުރަން - ގާޑިއޯލާ


އޭނާގެ ހުރިހާ ވިސްނުމެއް ހުރީ އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރަން ކަމަށާއި މެޗުން މޮޅުވެގެން އޭނާގެ ޓީމަށް ލިބިދާނެ ރެކޯޑަކާމެދު ނުވިސްނާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިރޭގެ މެޗުން ސިޓީ މޮޅުވެއްޖެނަމަ އެކަން ވެގެންދާނީ ޖެހިޖެހިގެން ލީގުގައި ސިޓީ މޮޅުވާ 14 ވަނަ މެޗެވެ. މިއީ އެ ޓީމުގެ ރެކޯޑެކެވެ. ނަމަވެސް ގާޑިއޯލާ ބުނީ ރެކޯޑެއް ހެދިދާނެ ކަމަށާއި އޭނާގެ ވިސްނުން ހުރީ ޔުނައިޓެޑް ބަލިކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. އަދި ރެކޯޑަށް ވިސްނައިގެން ކުޅެފިނަމަ އެއްވެސް ކަމެއް ހާސިލްނުކުރެވިދާނެ ކަމަށެވެ.

އެއްވަނާގައި މިވަގުތު އޮތް ސިޓީ މިރޭގެ މެޗުން މޮޅުވެއްޖެނަމަ ދެ ވަނާގައިވާ ޔުނައިޓެޑާ ދެމެދު އޮތް ފަރަތު 11 ޕޮއިންޓަށް ފުޅާވާނެއެވެ. އަދި ސިޓީ ބަލިވެއްޖެނަމަ މި ފަރަގު ފަސް ޕޮއިންޓަށް ހަނިވާނެއެވެ.

ނަމަވެސް ގާޑިއޯލާ ބުނީ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތަސް މިއީ ލީގު ކަށަވަރުކުރެވޭނެ މެޗެއްނޫން ކަމަށެވެ. ސަބަބަކީ ލީގުގައި ބާކީ އަދި ގިނަ މެޗުތަކެއް ހުރުން ކަމަށެވެ.

ގާޑިއޯލާ ބުނީ ޔުނައިޓެޑާ ސިޓީ އެއްމާބަނޑު ދެބެން ކަމަށާއި ދެ ޓީމު ވެސް ބޭނުންވަނީ ކާމިޔާބު ކަމަށެވެ. އަދި ޓޮޓެންހަމާއި ލިވަޕޫލް އަދި ޗެލްސީ އަކީ މިފަދަ ޓީމުތަކެއް ކަމަށެވެ.

މިރޭގެ މެޗުން ޔުނައިޓެޑް މޮޅުވެއްޖެނަމަ އަމިއްލަ ދަނޑުގައި އެ ޓީމަށް ބަލިނުވެ 40 މެޗު ހަމަކުރެވި 1960ގެ ރެކޯޑާ ހަމަހަމަކުރެވޭނެއެވެ. ނަމަވެސް ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިއީ ވަރަށް ހާއްސަ މެޗެއް ކަމަށާއި އޭނާގެ ވިސްނުން ހުރީ މެޗުން ތިން ޕޮއިންޓް ހޯދަން ކަމަށެވެ.