ކުޅިވަރު

ގާޑިއޯލާ އަށް މޮރީނިއޯ ސިޔާސީ ރައްދެއްދީފި!


މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސިޔާސީ ރައްދެއްދީފިއެވެ.

މި ދެ ޓީމު މިރޭ ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ އިޝާރާތް ކުރީ ސްޕޭނުގެ ކެޓަލޯނިއާގެ ސިޔާސީ ލީޑަރުން ޖަލުގައި ތިބުމާ ދެކޮޅަށް ބާސެލޯނާގައި ކުރި މުޒާހަރާތަކަށް ތާއީދުކޮށް މެޗުތަކުގައި ގާޑިއޯލާ ރީނދޫ ރިބަން އޭނާގެ މޭމަތީގައި ޖަހާފައިވާތީވެއެވެ. ރީނދޫ ރިބަނަކީ ސްޕޭނުން ވަކިވެ ކެޓަލޯނިއާ މިނިވަން ގައުމަކަށް ވުމަށް ތާއިދު ކުރުމަށް ބޭނުންކުރާ އެއް ނިޝާނާއި ކުލައެވެ.

ފުޓްބޯޅަ މެޗުތަކުގައި ސިޔާސީ ހަރަކާތަކަށް ހިތްވަރު ދިނުމާއި އެފަދަ އެއްވެސް އަމަލެއް ހިންގުމަކީ މުޅިން މަނާކަމެކެވެ. ނަމަވެސް ގާޑިއޯލާ ރީނދޫ ރިބަން ބޭނުންކޮށް، މެޗުގެ ޕްރެސް ކޮންފަރެންސްތަކުގައި ސިޔާސީ ވާހަކަ ދެއްކުމުން ވެސް އޭނާއާ މެދު ފިޔަވަޅު ނާޅަން އިނގިރޭސި އެފްއޭއިން ވަނީ ނިންމާފައެވެ.

ނަމަވެސް މޮރީނިއޯ ބުނީ އެއީ އޭނާ ކުރިކަމެއްނަމަ އަދަބެއް ލިބުން ގާތް ކަމަށެވެ. މިހެންވެ ހަމަހަމަކަން އޮތްކަމާމެދު ވަރަށް ސުވާލު އުފެދޭ ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

އޭނާ ބުނީ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑަކީ ވެސް ކާމިޔާބު ހޯދަން ބޭނުންވާ ދެ ޓީމަށްވެފައި ކުލަ އަށް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް ކަމަށެވެ. މިހެންވެ ވަކި ކުލައެއް އިހްތިޔާރުކޮށް ހާއްސަ ކަމެއްކޮށްލަން އޭނާ ވެސް ހިތްއެދޭ ކަމަށެވެ.