ޚަބަރު

ގެމަނަފުށީ އިސްރަށްވެހިންނަށް މަހަށްދިއުމުގެ ފުރުޞަތު ދީފި


މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގެމަނަފުށީ އިސްރަށްވެހިންނަށް މަހަށްދިއުމުގެ ފުރުޞަތު އެރަށު މަސްދޯންޏަކުން ދީފިއެވެ.

ގެމަނަފުށީގައި ދުއްވާއެންމެ ބޮޑު އެއްދޯނިކަމަށްވާ "ގެލަރީ ވިޝަން" ދޯނިން ބުނީ މިއަދު ބާނާ މަހުގެ ހުރިހާ ފައިސާ ބެހުމަށް ހަމަޖެހިފައިވަނީވެސް އިސް ރަށްވެހިންނަށް ކަމަށެވެ.

މުޅިރަށަށް ހުޅުވާލި ފުރުޞަތުގައި އެރަށު 12 އިސްރަށްވެއްސަކު މަހަށް ގޮސްފައިވާކަމަށް އެދޯނިން ބުނެއެވެ. އެމީހުންނާއެކު އެދޯނިން މިހާރު މަހަށްދާ 25 ފަޅުވެރިންވެސް ހަރަކާތްތެރިވާނެއެވެ.

މިފަދަ ފުރުޞަތެއް އިސްރަށްވެހިންނަށް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ އެމީހުންނަކީ ޒަމާނުންސުރެ މަސްވެރިކަން ކުރަމުންއައި މީހުންކަމަށްވާތީ، އެޒަމާނުގައި މަސްވެރިކަން ކުރިގޮތާއި މިހާރު މަސްވެރިކަން ކުރާގޮތް ޢަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ހޯދައިދިނުންކަމަށް އެ ދޯނިން ބުނެއެވެ. އަދި އެމީހުންގެ ތަޖުރިބާ އަމަލީގޮތުން މިހާރުގެ މަސްވެރިންނަށް ދައްކާލުމަކީވެސް މިފަދަ ކަމެއް އިންތިޒާމްކުރުމުގެ ބޭނުމެއްކަމަށް އެ ދޯނިން ބުނެއެވެ. މީގެއިތުރުން މަސްވެރިންގެ ދުހަވާ ގުޅުވައިގެން ގެމަނަފުށީ ފޭސްބުކް ޕޭޖްގެ ފަރާތުން މަސްވެރި ޅެން ހެދުމުގެ މުބާވާތެއްވެސް ކުރިއަށްގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިދިޔައަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ ގެމަނަފުށީގައެވެ. އެރަށުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ސަބަބުން މަސްވެރިންނާއި ރައްޔިތުންނާމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިވެގެންގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަކީ ހއ.އިހަވަންދޫގައެވެ.