ޚަބަރު

މިއަދަކީ ރާއްޖޭގެ 37 ވަނަ މަސްވެރިންގެ ދުވަސް


މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ސަރުކާރުން ނިންމަވާފައިވަނީ ހއ. އިހަވަންދޫގައެވެ.

މަސްވެރިންގެ ދުހަވާ ގުޅުވައިގެން އެކިއެކި ޚަރަކާތްތައް އިހަވަންދޫގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް އެބަދެއެވެ. މިދުވަސް ވީހާވެސް ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީއާއި އިހަވަންދޫ ކައުންސިލް ގުޅިގެން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭގައެވެ. މި ޖަލްސާގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ކެޔޮޅުންނަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ޚަރަކާތްތެރިވާ އެކިއެކި ފަރާތްތަކަށް ސަރުކާރުންދޭ ޚާއްޞަ އިނާމު ދިނުން އޮންނާނެއެވެ. މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިވާ ޙަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ޤައުމީ މަހާސިންތާއާއި، ކާބޯތަކެތީގެ މައުރަޒާއި، މަސްވެރިންގެ ހަވީރަކާއި، މަސް ބޭނުމުގެ މުބާރާތްފަދަ ޙަރަކާތްތައް ހިމެނެއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިންގެ ޤައުމީ މަހާސިންތާއަކީ މިދުވަހާއި ގުޅިގެން ކުރިއަށްގެންދާ އެންމެ ކާމިޔާބު އެއް ޙަރަކާތްކަމަށް މަސްވެރިން ފާގަގަކުރެއެވެ. ސަބަބަކީ މި މަހާސިންތާގައި މަޝްވަރާކޮށް އެއްބަސްވާ ކަންތައް ތަންފީޒު ވާކަންކަމަށް މަސްވެރިން ބުނެއެވެ. މިމާސިންތާގައި ރާއްޖޭގެ އެކިކަންކޮޅުތަކުން މަސްވެރިންނާއި، އޮޑިވެރިންނާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ސަރުކާރުން ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި މަސްވެރިން އަދާކުރާ ދައުރާއި މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަ ކުރަންފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. އޭރުން ފެށިގެން ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ހަމައަށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އައީ ޑިސެމްބަރު 10 ވަނަ ދުވަސް. އެހެންނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ޑިސެމްބަރ 10 ވަނަ ދުވަހު ޒަމާނުންސުރެ ދިވެހިން ފާހަގަކުރަމުން އައި މަސްވެރިންގެ ދުވަސް އޮކްޓޫބަރ މަހުގެ 16 ވަނަ ދުވަހު ފާހަގަކުރާގޮތަށް ބަދަލުކުރެއްވިއެވެ. ނަމަވެސް އޭގެފަހުން ޑރ. މުޙައްމަދު ވަހީދު ޙަސަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރިން އޮތް ގޮތަށް ޑިސެމްބަރ 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމުގައި އަލުން ހަމަޖެއްސެވިއެވެ.

މިދިޔަ އަހަރު ބޭއްވި ރާއްޖޭގެ 36 ވަނަ މަސްވެރިންގެ ދުވަސް ބާއްވާފައިވަނީ ގއ.ގެމަނަފުށީގައެވެ.