ޚަބަރު

ސަރުކާރުގެ ވަފުދެއް ޗައިނާގެ ބޭންކުތަކުގެ ވެރިންނާ ބައްދަލުކުރުން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވަސާގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފްދެއް، ޗައިނާގެ ބޭންކްތަކުގެ އިސް ވެރިންނާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ވަފްދުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، އިކޮނޮމިކް ރިލޭޝަންސް މުޙައްމަދު ލުވެއިޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް އިމްޖާދު ޖަލީލެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ޗައިނާގެ ބޭންކްތަކުގެ ތެރޭގައި އައި.ސީ.ބީ.ސީ ބޭންކާއި، އެގްޒިމް ބޭންކާއި، ސީ.ޑީ.ބީ ބޭންކާއި، ބީ.އޯ.ސީ.އޯ.އެމް ބޭންކުގެ އިސްވެރިން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ވަފްދުން ވަނީ ޗައިނާގެ މި ބޭންކްތަކަކީ މިހާރުވެސް ރާއްޖޭގައި ހިންގާ ބޮޑެތި ބައެއް މަޝްރޫޢުތަކުގެ މާލީ ބައިވެރިންކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޗައިނާގެ ބޭންކްތަކުގެ އިސްވެރިންނަށް ރާއްޖޭގެ މާލީ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖޭގެ ވަފުދުން ޙިއްޞާކުރެއްވިއެވެ.

ޗައިނާގެ ބޭންކްތަކުގެ އިސްވެރިން ވަނީ ރާއްޖޭގައި ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި ޗައިނާ ކުންފުނިތަށް ހިމެނުމަކީ އެބޭފުޅުން ވަރަށް އުފާކުރައްވާ ކަމެއްކަމުގައި ވިދާޅުވެ، ރާއްޖެއާއި ޗައިނާއާ ދެމެދު މިވެވުނު އެއްބަސަވުންތަކުގެ ސަބަބުން ރާއްޖޭގައި ތަރައްޤީގެ އާ މަޝްރޫޢުތަކެއް ހިންގުމަށް ފުރުޞަތު ހުޅުވިގެން ދާނެކަން ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫޢުތަކުގައި އިންވެސްޓުކުރަން ޝައުގުވެރިވާކަން އެބޭފުޅުން ވަނީ ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރައްވާ ފުރަމަނާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރީއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ އިސްވެރިންނާއި ބައްދަލްކުރައްވާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރައްވާފައެވެ.