ތަރައްްޤީ

ޒުވާނުން ގެދޮރުވެރިކުރުމާގުޅޭ ގިނަ މަޝްވަރާތަކެއް ބާއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއްދެއްވީ، ދިވެހި ޒުވާނުންނަށް ގެދޮރުވެރިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށްކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިމަހުގެ ހަޔަކުން ނުވަޔަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާއިރު، ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 12 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އިސްވަފުދުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުވެސް ހިމެނިވަޑައިގަންނަވައެވެ. މި ދަތުރުފުޅާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާގެ އިސްވެރިން، ދެ ޤައުމުގެ ދެމެދު، އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރުމާއިގުޅޭގޮތުން ގިނަ މަޝްވަރާ ތަކެއް ކުރައްވާފައިވާއިރު، މި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ދިވެހި ޒުވާނުންނަށް ގެދޮރުވެރިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށްކަމަށެވެ.

tw:https://twitter.com/MMuizzu/status/939047652242743296

ހައުސިންގ މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ސަރުކާރުން ހިންގާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގައި ޗައިނާއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ސަރުކާރުން 2014 ވަނަ އަހަރު ފެށި 1500 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ އިތުރުން ދެކުނުގެ 7 ރަށެއްގައި ޗައިނާ ސަރުކާރުން ފްލެޓް އަޅާދީފައިވެއެވެ. ހަމައެހެންމެ 2012 ވަނަ އަހަރު، ވެށިފަހި ޕްރޮގްރާމްގެދަށުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެޅި 1000 ހައުސިންގ ޔުނިޓަކީވެސް ޗައިނާސަރުކާރުގެ ލުއި ލޯނުގެ އެހީގެ ދަށުން ޢިމާރާތްކޮށްފައިވާ ފްލެޓްތަކެއްކަން ފާހަގަކޮށްލެވެއެވެ. 

ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ވިޔަފާރިވެރިންނާއި، ބޭންކްތަކުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގައި މިވަގުތު ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި، ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޗައިނާގެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.