ޚަބަރު

ރާއްޖޭގައި އެޗް..އައި.ވީ ފެތުރެނީ ޒުވާނުންގެ މެދުގައި


ރާއްޖެއިން އެއިޑްސް ބަލި މިހާރު ފެންނަމުންދަކަމަށާއި މިބަލި މިހާރު ފެންނަމުންދަނީ ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިންގެ ގައިންކަމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

ދުނިޔޭގެ އޭޑްސް ދުވަސް ފާހަގަކުރުމަށް ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ ރާއްޖެއަކީ އެޗް.އައި.ވީ ޖެހިފައިވާ މީހުން ނިސްބަތުން މަދު ޤައުމެއް ނަމަވެސް، މި ބަލި ޖެހޭ މީހުން އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މީގެ ކުރިން ދޮށީ އުމުރުގެ މީހުންގެ ގައިން މިބަލި ފެނުނު ނަމަވެސް މިހާރު ފެންނަމުންދަނީ 18 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާނުންނާއި ފުރާވަރުގެ އުމުރުގެ ކުދިންގެ ގައިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފަހަކަށް އައިސް މި ބަލި ޖެހުނު ދިވެހިންނަށް ބަލި ޖެހިފައިވަނީ ރާއްޖެއިންކަން ފާހަގަކުރައްވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ އެއިޑްސް ފެތުރުމުގެ ނުރައްކާތެރި އާދަަތައް ބައެއް ޒަުވާނުންގެ ގައިން ފެންނަމުންދާކަމަށެވެ. ޒުވާނުންގެ ތަރައްޤީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެޗް.އައި.ވީ ފަދަ ސިއްޙީ މައްސަލަތައްކަމުން އެ ބަލީގެ ނުރައްކަލަށް ހުށައެޅޭ ގޯސް އާދަތަކާއި ދުރަށް ދިއުމަށް ޒުވާނުންނަށް މިނިސްޓަރ އިރުތިޝާމް އިލްތިމާސްކުރެއްވިއެވެ. 

"މިފަހުން ބަލިޖެހުނު މީހުންނަށް ބަލިޖެހިފައިވަނީ ރާއްޖެއިން. މީގެން އެނގިގެންދަނީ މިބަލި ފެތުރެމުންދަނީ ރާއްޖޭގައިކަން. ބަލިޖެހިފައިވާ ގިނަ ބަޔަކު އެބަލި ހުރިކަން ނޭނގި އުޅެމުންދޭ. އެހެންވީމަ މައުލޫމާތު ހޯދާ ރައްކާތެރިވުމުގެ މުހިންމުކަން ތަކުރާރުކުރަންޖެހޭ. ހާއްސަކޮށް ޒުވާނުންނާއި މި މެސެޖު ރައްދުވާ އެންމެން،" ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15127069379333.jpg|ޑރ އަރްވިން މާތުރް

މި ހަފްލާގައި ވާހަކަދައްކަވަމުން ޑަބް.ލިއު.އެޗް.އޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތޫރް ވިދާޅުވީ، އެޗް.އައި.ވީ ޖެހޭ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ގިނަ މުޢައްސަސާތަކެއް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ޑރ. އަރްވިންދް ވަނީ ޒުވާނުންނާއި ދޮށީ އުމުރުގެ މީހުން މި ބައްޔަށް ހޭލުންތެރިކުރުމަށް ތަފާތު އެކި ކަހަލަ ހަރަކާތްތައް ހިންގައި، އެއިޑްސް އިން ރައްކާތެރިވެ ތިބުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

"ޒުވާނުންގެ ފަރާތުން ބަލިން ރައްކާތެރިވުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން އެކުދިންގެ ބަހެއް އިވުމަކީ ޕްރޮގްރާމްތައް ހިންގަން ލިބޭ ފުރުސަތެއް. އެހެންކަމުން ޒުވާނުންގެ ކަންބޮޑުވުންތައް ދެނެގަތުމަށް އިތުރަށް ލިބޭ ފުރުސަތެއް ކަމުގައި މިކަން ވެގެންދާނެ. ރާއްޖެއަކީ ނިސްބަތުން އެޗްއައިވީ މަދު ޤައުމެއް،" ޑރ. އަރްވިންދް މާތޫރް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15127070034885.jpg|އެއިޑްސް ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ދުނިޔޭގެ އޭޑްސް ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. މިފަހަރުގެ އޭޑްސް ދުވަސް މުޅި ދުނިޔޭގައިވެސް ފާހަގަކުރަމުންދަނީ "އެވްރިބޮޑީ ކައުންޓްސް" މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުގެ މަޤްސަދަކީ އެޗް.އައި.ވީ ޖެހިފައިވާ ފަރާތްތަކާއި، އެޗް.އައި.ވީ ޖެހުމުގެ ނުރައްކާ އޮތް ފަރާތްތަކަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް އަތްފޯރާފަށުގައި ފަސޭހައިން ލިބިގަނެވޭގޮތަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.