ޚަބަރު

ޤުދުޞްގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް


ޤުދުޞްގެ މައްސަލައަކީ އިސްލާމްދީނާ ވަކި ނުކުރެވޭނެ މައްސަލައެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. ޤުދުޞަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމުމުން އެކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އެ ނިންމުމަކީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. އަދި އެއީ ޔަހުދީންގެ ވެރިކަމެއް މުޅި ދުނިޔޭގައި ޤާއިމުކުރަން އެމީހުން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޤުދުޞްގެ ބިމަކީ ޒަމާނުއްސުރު އިސްލާމީއުއްމަތުގެ ބިމެއްކަމަށެވެ. އަދި އެ ބިމަކީ އެތައް ރަސޫލު ބޭކަލުންނަކާއި ނަބީބޭކަލުންނެއް ދިރުއުޅުއްވި ބިމެއްކަމަށާއި އެ ބިމުގައިވާ މަސްޖިދުލް އަޤުސާއަކީ ﷲ ބިންމަތީގައި ލައްވާފައިވާ 3 ވަނައަށް އެންމެ މުޤަދަސް ބިނާކަމަށެވެ.

މިނިސްޓަރ ޒިޔާދު ވިދާޅުވީ އިސްރާއިލްގެ ވެރިރަށުގެ ގޮތުގައި ޤުދުޞް ކަނޑައެޅުމަށް ނިންމި ނިންމުމަށް ދިވެހިން ނުނެކޭ ބުނެ ދިވެހިންގެ އަޑު މުޅި ދުނިޔެއަށް އިއްވާފައިވާކަމަށެވެ.އަދި މި މިއްސަލައަކީ މުޅި އިސްލާމީ އުންމަތާ ގުޅިފައިވާ މައްސަލައެއްކަމުން ފަލާސްތީންގެ ހައްގުގައި މިއަދު ދިވެހިން އަޑުއުފުލަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާއި ގުޅިގެން އެކަން އެންމެ ފުރުތަމަ ކުއްވެރިކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.