ކުޅިވަރު

ނިއުގެ އަމާޒަކީ ތިން ތަށި ކާމިޔާބުކުރުން - ޒިޔާދު


ނިއުރޭޑިއަންޓްގެ އަމާޒަކީ މި ސީޒަނުގައި ތިން ތަށި ހޯދުން ކަމަށް އެކުލަބުން ބުނެފިއެވެ.

ޗެއާމަން ކާނަލް މުޙައްމަދު ޒިޔާދު މިހެން ވިދާޅުވީ ރޭ ނިމުނު އެފްއޭކަޕް ކާމިޔާބު ކުރުމަށްފަގު ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުންނެވެ.

މި އަހަރު ނިއުރޭޑިއަންޓާއި ހަވާލުވި ޗެއާމަން ވިދާޅުވީ ދިވެހި ޕްރިމިއާރ ލީގާއި އެފްއޭކަޕް ލިބުމުން، ސީޒަނުގެ ބާކީ އޮތް ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރަން ނިއު ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މެނޭޖްމަންޓުން ވެސް ތިބީ އެތަށި ހޯދަން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި ހަމަ މިފަދައިން ކުޅުންތެރިން ވެސް ޤައުމީ ތަށި ބޭނުންވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ ނިއުރޭޑިއަންޓުން ފެނިގެންދަނީ ޓީމު ރޫޙު ކަމަށާއި ލިބެމުންދާ ކާމިޔާބަކީ ކުޅުންތެރިންނާއި މެނޭޖްމަންޓުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ނިއުގައި ކޮންމެ ކުޅުންތެރިއަކު ވެސް ހުންނާނީ އުފަލުން ކަމަށާއި، އޭނާގެ އަމާޒަކީ ވެސް ކުޅުންތެރިން ހިތްހަމަޖައްސައިދީ ނިއުރޭޑިއަންޓާއެކު ދިވެހި ފުޓްބޯޅަ އަށް ކުރިއެރުން ހޯދައިދިނުން ކަމަށެވެ.

"ވަރަށް ބޮޑު އިސްކަމެއް ހުރިހާ އެންމެންވެސްދިނީ އެފްއޭކަޕާއި، ޕްރިމިއަރ ލީގަށް. މިހާރު އެކަން ކާމިޔާބުވެއްޖެ. ދެން އޮތީ ޕްރެޒިޑެންޓްސް ކަޕް، އިރާދަކުރެއްވިއްޔާ އެ މުބާރާތްވެސް ކާމިޔާބުކުރުން އަމާޒަކީ" ޒިޔާދު ވިދާޅުވިއެވެ. 

ކުރިން ދިވެހި ސިފައިންގެ ޓީމު ވެސް ހިންގެވި ޒިޔާދު ވިދާޅުވީ ނިއުގެ އަމާޒު ބަދަލު ނުވާނެ ކަމަށާއި ޤައުމީ ތަށީ ހޯދުމަށް މިއަދުން ފެށިގެން ގަދަ އަޅައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއުއްމީީދު ހާސިލްވާނެ ކަމުގެ އުއްމީދު ވެސް އެހާމެ ބޮޑު ކަމަށެވެ.