ޚަބަރު

"ސަސްޕެންޝަން އުވާލަންދެން ޝަރީއަތްތައް މެދުކަނޑާ ނުލެވޭނެ"


ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި ސަސްޕެންޝަންގަހުރި ޤާނޫނީ ވަކީލެއް ކަނޑަނޭޅޭނެކަމަށާއި ވަކީލެއްގެ ސަސްޕެންޝަން އުވާލަންދެން ޝަރީއަތްތައް މެދުކަނޑާ ނުލެވޭނެކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 9 މެމްބަރުންގެ މައްޗަށް ކޮށްފައިވާ ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާގެ އިބްތިދާއީ އަޑުއެހުމުގައި މިދައުވާ އުފުލާފައިވާ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސެއިންގެ ޤާނޫނީ ވަކީލަކަށް ހަމަޖައްސާފައިވާ ފަރާތް ސަސްޕެންޑް ކޮށްފައިވާކަމަށް ބުނުމުން މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓްގެ އިސްޤާޟީ އާދަމް އާރިފް ވިދާޅުވީ، ޤާނޫނީ ވަކީލަކަށް ހަމަޖައްސަންވާނީ ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ އޮންނަ ފަރާތެއްކަމަށެވެ. އަދި އެޤާނޫނީ ވަކީލެއްގެ ސަސްޕެންޝަން އުވާލަންދެން ޝަރީޢަތްތައް މެދުކަނޑާލެވެން ނޯންނާނެކަމަށާއި، ސަސްޕެންޝަން އުވާލާނެ ތާރީޚެއް ކޯޓަށް ނޭންގޭނެކަމަށް އިސްޤާޟީ ވިދާޅުވިއެވެ. އަދި ޢަލީ ޙުސެއިންނަށް ވަނީ ސަސްޕެންޑު ނުކުރާ، ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ހުއްދައޮތް ޤާނޫނީ ވަކީލަކު ހަމަޖެއްސުމަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސްއެޅޭގޮތަށް ސުޕްރީމް ކޯޓަށް ހުށައެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރި 54 ވަކީލުން ސަސްޕެންޑް ކުރުމާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ޤާނޫނީ ވަކީލުން ލިބުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ބުނެފައެވެ. ޖުޑީޝަރީން މިހާތަނަށް ވަނީ މި 54 ވަކީލުންގެ ތެރެއިން 42 ވަކީލުންގެ ސަސްޕެންޝަން އުވާލާފައެވެ.