ކުޅިވަރު

ދެވަނަ ބުރުގައި ކޮންމެ ޓީމަކާ ޖެހުނަސް ފަރުވާލެއް ނެތް - ހަޒާޑް


ދެވަނަ ބުރުގައި ކޮންމެ ޓީމަކާ ޖެހުނަސް ފަރުވާލެއް ނެތްކަމަށް ޗެލްސީގެ މިޑްފީލްޑަރ އެޑެން ހަޒާޑް ބުނެފިއެވެ. 

އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުނުވެވި، ގްރޫޕްގެ އެއްވަނަ ގެއްލުނު މެޗަށްފަހު ހަޒާޑް ބުނީ ނޮކްއައުޓް ބުރުގައި ޕީއެސްޖީއާ ޖެހުނަސް އަދި ބާސެލޯނާއާ ޖެހުނަސް މައްސަލައެއް ނެތްކަމަށެވެ. އެދެޓީމަކީ ވަރުގަދަ ދެ ޓީމްކަން އިނގޭކަމަށާއި، ހަމަ އެގޮތަށް ޗެލްސީއަކީވެސް ފުޓްބޯޅަ ދަނޑުގައި ކޮންމެ ފަދަކަމެއްވެސް ކުރެވޭނެ ޓޮޕް ކްލަބެއްކަމަށެވެ. 

" އަހަރެމެންނަށް އިނގޭ ޕީއެސްޖީއާ ބާސެލޯނާއަކީ ވަރަށް ވަރުގަދަ ދެ ޓީމްކަން. އެކަމަކު އަހަރެމެންނަކީވެސް ޓޮޕް ޓީމެއް. އަހަރެމެންނަށް ކޮންމެ ކަމެއްވެސް ކުރެވޭނެ "

ޗެލްސީގެ ދަނޑުގައި ރޭ އެތްލެޓިކޯ މެޑްރިޑާ ވާދަކުރި މެޗު ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. މެޗުގައި ޗެލްސީގެ ލަނޑަކީވެސް އެތްލެޓިކޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

 މެޗުން ޗެލްސީ މޮޅުނުވުމުގެ ފައިދާ ނަގާ ގްރޫޕްގެ އެއްވަނަ ހޯދީ އިޓަލީގެ ރޯމާއެވެ. އެޓީމް ވަނީ މެޗު ކާމިޔާބުކޮށް އެގާރަ ޕޮއިންޓް ހަމަކޮށްފައެވެ. ޗެލްސީއަށްވެސް އެގާރަ ޕޮއިންޓް ލިބުނަސް ދެޓީމްގެ ކުރިމަތިލުމަށް ބަލާއިރު ކުރި ލިބެނީ ރޯމާއަށެވެ. އެތްލެޓިކޯމެޑްރިޑަށް ލިބުނީ ތިންވަނައެވެ.