ކުޅިވަރު

މޮޅުވީ ބަޔާންމިޔުނިކް، އެއްވަނަ ލިބުނީ ޕީއެސްޖީއަށް!


ޔުއެފާ ޗެމްޕިއަންސްލީގުގައި ބަޔާންމިޔުނިކް މޮޅުވިޔަސް، އެއްވަނަ ޕީއެސްޖީއަށް ލިބިއްޖެއެވެ. 

ގްރޫޕް ސްޓޭޖްގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 3-1 ން ޕީއެސްޖީގެ މައްޗަށް ބަޔާންމިޔުނިކް ކުރި ހޯދިޔަސް ގްރޫޕްގެ އެއްވަނަ ޕީއެސްޖީއަށް ލިބުނީ ހެޑް ޓު ހެޑަށް ބަލައިގެންނެވެ. ހެޑް ޓް ހެޑަށް ބަލާއިގެންވެސް ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އެއީ ރޭގެ މެޗުގައި ބަޔާންގެ ދަނޑުގައި ބަޔާން ކޮޅަށް ޖެހި ގޯލްގެ ސަބަބުންނެވެ. 

ހަ މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ކޮންމެ ޓީމެއްވެސް ވަނީ ފަނަރަ ޕޮއިންޓް ހޯދާފައެވެ. ޕީއެސްޖީ ގްރޫޕް ސްޓޭޖްގައި ބަލިވީ ރޭ ބަޔާން އަތުންނެވެ. ބަޔާން ބަލިވީ ޕީއެސްޖީގެ ދަނޑުގައި ޕީއެސްޖީ އަތުން ތިނެއް ސުމަކުންނެވެ. ރޭގެ މެޗުގައި ބަޔާންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޓޮލީސޯއެވެ. ފުރަތަމަ ލަނޑު ޖެހީ ލެވާންޑޯސްކީއެވެ. ޕީއެސްޖީގެ ލަނޑު ޖެހީ ޒުވާން ކުޅުންތެރިޔާ އެމްބާއްޕޭއެވެ. 

ރޭގެ މެޗަށްފަހު ބަޔާންގެ ކޯޗު ހެއިންކެސް ބުނީ ޓީމްގެ ކުޅުމާމެދު އޭނާ ހިތްހަމަ ޖެހޭކަމަށާއި، މެޗުން އެނގުނު އެއްޗަކީ މެޗަކަށްވުރެ މެޗެއް އޭނާގެ ޓީމް ރަނގަޅުކުރަމުން އަންނަކަން ކަމަށެވެ. 

މިގްރޫޕުގެ ތިންވަނަ ޓީމަކީ ސެލްޓިކްއެވެ. ތިންވަނަ ޓީމްގެ ގޮތުގައި އެޓީމް ވަނީ ޔޫރޮޕާ ލީގަށް ވެއްޓިފައެވެ.