ޚަބަރު

"ބޭރުގެ އުޅަދުތަކަށް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން"


ދިވެހިރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަހައްދުގައި ހާލުގައިޖެހި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ބޭރުގެ އުޅަދުތަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ޕީއެސްނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ފެންނަ އުޅަދުތަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީ އެކަން އުޅަދުތަކުގެ ސަމާލުކަމަށް ގެންނަމުންދާކަމަށެވެ. އަދި އެފަދަ އުޅަދެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. 



މީގެ އިތުރުން މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން މިރޭ ނެރުނު ބަޔާނެއްގައި ދިވާޅުވީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން "އޯޗީ" ގެ ސަބަބުން ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު، ދިވެހިރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހާލުގައިޖެހި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވަމުންދާކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ހުޅަނގު އުތުރުން ސްރީލަންކާގެ 30 މަސްބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު، ސްރީލަންކާގެ އެމްބަސީއިން އެމްއެންޑީއެފް ކޯސްޓްގާޑަށް އަންގާފައިވާކަމަށް ކޯސްޓުގާޑުން ބުނެއެވެ.



އަދި ތޫފާން "އޯޗީ" އާއި ގުޅިގެން ގިނައަދަދަކަށް ލަކުޑި ފަދަ ތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާދާ ދުވަސްވަރަކަށް ވާތީވެ، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓު ގާޑުންވަނީ އިލްތިމާސް ކުރައްވާފައެވެ.