ކުޅިވަރު

ފުރަތަމަ ބުރުން އެއްވަނަ މިސްކިތްގަމަށް، ދެވަނަ މޯލްޑިވިއަންއަށް


ޕޮލިސް ކުލަބް ބަލިކޮށް، ލީގު ތާވަލްގެ ދެވަނަ ޓީމްގެ ގޮތުގައި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. 

ސީލައިފް ގްލޯބަލް ޤައުމީ ވޮލީ ބޯޅަ ލީގުގައި މޯލްޑިވިއަން މިއަދުގެ މެޗު ކާމިޔާބުކުރީ ޕޮލިސް ކުލަބާ ވާދަކޮށް ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް މޯލްޑިއަން ގެންދިޔައީ 14-25، 25-22، 16-25، 25-22 އަދި 17-15 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ ބިދޭސީ ކުޅުންތެރިޔާ ބުއާލީއެވެ. ދެ ޓީމްގެ ފަރާތުންވެސް ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ގިނަ ސެޓްތައް ކުރީގައި އޮވެގެން ކުޅެފައިވަނީ ޕޮލިސް ކުލަބެވެ.

މެޗަށްފަހު މޯލްޑިވިއަންގެ ކޯޗް ހަސަން އަގްލީން ބުނީ ބިދޭސީ އެންމެ ކުޅުންތެރިއެއް ލައިގެން ޕޮލިސް ކުލަބްގެ ބިދޭސީ ދެ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެ، ފަސް ސެޓަށް ގޮސްގެން މޮޅުވެވުނީ ޓީމެއްގެ ގޮތުގައި ކުޅެގެންކަމަށެވެ.

" ބިދޭސީ ދެ ކުޅުންތެރިން ޕޮލިސް ކުލަބްގައި ތިބެ، މޯލްޑިވިއަންއިން ބިދޭސީ އެއް ކުޅުންތެރިއަކު ލައިގެން މެޗުން މޮޅުވެވުމުން ވަރަށް ހިތްހަމަޖެހޭ. އަދި ކުރިން މެޗުގައި ނުފެނުނު މާޖިދާ ޓީމްގައި ބައިވެރި ވުމަކީވެސް މޯލްޑިވިއަން ޓީމަށް ލިބުނު އިތުރު ބާރެއް."

މިމެޗުން ބަލިވި ޕޮލިސް ކްލަބްގެ ކޯޗު މައުމޫރު މުހައްމަދު، މާއްޓޭ ބުނީ ޓީމްގެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރިކަމަށާއި، ބަލިވީ ޓީމެއްގެ ގޮތުގައި ނުކުޅެވިގެންކަމަށް. އަދި ޕްރެޝަރު ދަނޑިވަޅުގައި މާގިނަ މިސްޓޭކް ހެދުނީކަމަށްވެސް މަޢުމޫރު ބުންޏެވެ.

"ޓީމެއްގެ ގޮތުގައި ނުކުޅެވިގެން އަސްލު ބަލިވީ. އެންމެ ފަހު ވަގުތުވެސް އަމިއްލަ މިސްޓޭކްތައް މާގިނައީ. މިފަހަރުގެ ޓީމް އެއްކޮށް ފަރިތަކުރަންވެސް ލިބުނީ ވަރަށް މަދު ފުރުސަތެއް. އެހެންކަމުން ޓީމް އަކުލަވާލުމުގައި ދަތިތަކެއް ހުރި. ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅުވާނެކަމަށް މިބަލަނީ. ވަރަށް ގިނަ ކަންތައްތައް ރަނގަޅުކޮށްގެން ނޫނީ ކާމިޔާބީއެއް ނުލިބޭނެ."

ސީލައިފް ގްލޯބަލް ޤައުމީ ވޮލީ ބޯޅަ ލީގުގެ އަންހެންބައިގެ ފުރަތަމަ ބުރު ނިމިފައިވާއިރު، ތާވަލްގެ އެއްވަނަ ލިބެނީ ފުވައްމުލަކު މިސްކިއްމަގު ޓީމަށެވެ. އެއީ ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކުއެވެ. ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން މޯލްޑިވިއަން އޮތީ ދެވަނާގައެވެ. ޕޮލިސް ކުލަބަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.