ޚަބަރު

ފިފްތް ޕަވަރ ޕްރޮޖެކްޓުގެ ބޮޑު ބައެއް ނިމިއްޖެ


މާލޭގެ ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްދިނުމަށް ސްޓެލްކޯއިން ކުރިއަށް ގެންދާ ފިފްތް ޕަވާ ޕްރޮޖެކްޓުގެ ބޮޑުބައެއް ނިމިއްޖެއެވެ. ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މިޕްރޮޖެކްޓަކީ 79 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއެކެވެ. ފިިފްތް ޕަވަރ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް އަޅަމުންދާއިރު މަޝްރޫޢުގެ މަސައްކަތް ފެށިތާ 3 މަސްތެރޭގައި ބޮޑު ބައެއް ވަނީ ނިމިފައެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ފަށައިގެން މިހާތަނަށް އައިރު އިންޖީނުތައް ބަހައްޓަން ބޭނުންވާ ބެޑް ހަދާ ޢިމާރާތުގެ ގިއުގަނޑު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެެއް މިހާރު ވަނީ ނިމިފައެވެ. މި ޕްރޮޖެކްޓްގެ ދަށުން 50 މެގަވޮޓްގެ ކަރަންޓް އުފައްދާ އިންޖީނުގެއަކާއެކު ތެޔޮ ރައްކާކުރާ ނިޒާމަކާއި، ލޮނުފެން މީރުފެނަށް ބަދަލުކުރާ ނިޒާމެއް ޤާއިމްކުރުމަށް ހަަމަޖެހިފައިވެއެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނެވެ. އިންޖީނުގޭގެ މަސައްކަތުގެ އިތުރުން ތެޔޮ ރައްކާކުރާ ޓޭންކްތައް ބެހެއްޓުމަށް ބޭނުންވާ ފައުންޑޭޝަން އެޅުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ސްޓެލްކޯގެ ފަރާތުން ޕްރޮޖެކްޓް ކޯޑިނޭޓަރ މަރިޔަމް ޢަލީ ވިދާޅުވީ ބެޑްތައް ހަދާ ނިމުނުއިރު އަންނަ އަހަރުގެ ކުރީކޮޅު ޖަނަރޭޓަރު ގެނެސް އިންސްޓޯލް ކުުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. 

"8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރު އިންސްޓޯލް ކުުރުމަށް ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ ކުރީކޮޅު ޖަނަރޭޓަރުތައް ރާއްޖެ ގެނެވޭނެ. އަދި އަހަރުގެ މެދުތެރޭގައި ބައެއް ޖަނަރޭޓަރުތަކުން ކަރަންޓް ދޭން ފަށާނެ. މަޝްރޫއު އެއްކޮށް ނިމޭނީ 2019 ވަނަ އަހަރުގެ ކުރީކޮޅު" މަރިޔަމް ވިދާޅުވިއެވެ.



ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ނިންމުމަށް ދީފަިއވާ މުއްދަތަކީ 26 މަސް ދުވަހެވެ. މި މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަށް ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ މުވައްޒަފުން ދަނީ ހަލުވިކަމާއެކު މަސައްކަތް ކުރަމުންނެވެ. އެގޮތުން ތާވަލަށްވުރެ ކުރިން މަސައްކަތް ނިމެމުންދާ ކަމަށް ޑޮންގްފަންގް އާ ހަވާލާދީ ސްޓެލްކޯއިން ބުނެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓު ޔަޤީން ކޮށްދިނުމަކީ ރައީސް ޔާމީންގެ ރިޔާސީ ވަޢުދެކެވެ. ފިފްތް ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ނިމުމުން 50 މެގަވޯޓްގެ ކަރަންޓު ވިއުގައެއް ޤާއިމްކޮށް މާލެއާއި ހުޅުމާލޭގެ ކަރަންޓް ވިއުގަ ބްރިޖް މެދުވެރިކޮށް ގުޅާލުމަށް ސަރުކާރުންވަނީ ނިންމާފައެވެ.