ޚަބަރު

ބާޖުގައި ހުރީ ދެ ސަރަޙައްދަކަށް ބޭނުންވާ ބޮޑުހިލަ: އެމްޓީސީސީ


އެމްޓީސީސީގެ ހިލަ ބާޖު ބަންޑުންޖަހާލިރު، އެ ބާޖުން ގެނެސްފައިވާނީ ހަމައެކަނި ކުޅުދުއްފުއްޓަށް ބޭނުންވާ ހިލަ ނޫންކަމަށާއި އޭގައި ހއ. ދިއްދޫގެ ބަނދަރަށް ބޭނުންވާ ހިލަވެސް ހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ ބާޖު "ކުރިމަގު 7" ބަންޑުންޖަހާލީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ދަތުރުކުރަނިކޮށް، މި ސަރަހައްދުގައި އުފެދުނު ތޫފާން "އޯޗީ" ގައި ޖެހި ލިބުނު ގެއްލުންތަކުގެ ސަބަބުން މި މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ބާޖު ބަންޑުންޖަހާލިއިރު އޭގައި 3300 ޓަނު ބޮޑުހިލަ ހުރިކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީގެ ބާޖު "ކުރިމަގު 7" ބަންޑުންޖަހާލި ޙާދިސާއާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ކޮންސްޓްރަކްޝަންސް އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުޙައްމަދު ހުޝާމް ވިދާޅުވީ، އެ ކުންފުނިން ބޮޑުހިލަ ބަރުކޮށްގެން ގެނައި ބާޖަކީ އެ ކުންފުނީގެ ބާޖެއް ކަމަށާއި އެހެން ނަމަވެސް އެފަރާތަށް ބޮޑުހިލަ ފޯރުކޮށްދިނުމުގައި އެކި ފަރާތްތައް ހިމެނޭކަމަށެވެ.

ހުޝާމް ވިދާޅުވީ، ބަންޑުންޖަހާލި ބާޖުން ގެނެސްފައިވަނީ ކުޅުދުއްފުއްޓާއި ހއ. ދިއްދޫއަށް ބޭނުންވާ ބޮޑުހިލަ ކަމަށާއި އަދި މިކަމުގެ ސަބަބުން އެއްވެސް މަޝްރޫއަކަށް ބުރޫ ނާރާނެކަމަށެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ހަރުމުދާ ރައްކާތެރިކޮށް ބެލެހެއްޓުމުގެ އުސޫލާއި ޕޮލިސީގެ ދަށުން "ޓެންގޯ 575" ޓަގު ބޯޓާއި "ކުރިމަގު 7" ބާޖު އިންޝުއަރެންސް ކޮށްފައިވާކަމަށެވެ.