ކުޅިވަރު

އަކްރަމްގެ އެއްބަސްވުން ނިއުއިން އާކޮށްފި


އަންނަ އަހަރުގެ ސީޒަންގައިވެސް ނިއުރޭޑިއަންޓަށް ކުޅެން އެއްބަސްވެ، އަކްރަމް އަބުދުލްޣަނީ އެއްބަސްވުން އާކޮށްފިއެވެ.

އަކްރަމް ނިއުގައި މަޑުކުރަން ނިންމާ މިއަދު އެއްބަސްވުން އާކުރިއިރު ސީޒަންގައި އަދި އެފްއޭކަޕް ފައިނަލް މެޗާއި، ޕްރެޒިޑެންޓްކަޕް ނިއުއަށް އެބައޮތެވެ. ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒު ބުނީ އަކްރަމްގެ އެއްބަސްވުން ކްލަބުން އާކޮށް، ކްލަބްގައި ބަހައްޓަން ނިންމީ ކޯޗުވެސް އަދި މެނޭޖްމަންޓްވެސް ހިތްހަމަޖެހޭ ކްލަބަށް މުޙިއްމު ކުޅުންތެރިއަކަށް އަކްރަމް ވާތީކަމަށެވެ.

ޤައުމީ ޓީމްގެ ޖާގަ ގެއްލިފައިވަނިކޮށް، މިސީޒަންގައި ނިއުގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އަކްރަމް ވަނީ ޤައުމީ ސްކޮޑްގެ އިތުރުން ފުރަތަމަ އެގާރައިންވެސް ޖާގަ ހޯދާފައެވެ. މިސީޒަންގައި އަކްރަމް ވަނީ ނިއުގެ މެދުތެރެއާއި އަރިމަތިން އަދި ޑިފެންސަށްވެސް ކުޅެފައެވެ. މިހާރުގެ ކޯޗު އޮސްކާ އަކްރަމް ބޭނުން ކުރަމުން އަންނަނީ ޑިފެންށަށެވެ.

އަކްރަމް ނިއުރޭޑިއަންޓާ ގުޅުނީ މިިދިޔަ ސީޒަންގައި ވެލެންސިޔާއަށް ކުޅުމަށްފަހުއެވެ. މިއީ އޭނާ ނިއުއަށް ބަދަލުވި ދެވަނަ ފަހަރެވެ. އަކްރަމްގެ އިތުރުންވެސް ނިއުގެ މުހިއްމު ކުޅުންތެރިން ވަނީ އެއްބަސްވުން އާކޮށްފައެވެ.

" ސީޒަން ނިމުމުގެ ކުރިން ކުޅުންތެރިންގެ އެއްބަސްވުން އާކުރަމުން މިދަނީ. މިމަހުގެ 16 ވަނަ ދުވަހަށް ސްކޮޑް ފައިނަލް ކުރަން މަސައްކަތް ކުރަމުން މިދަނީ " އޭއެފްސީކަޕަށް އަމާޒުކޮށް ސްދކޮޑް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ޓީމްގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒު، ޓެޑް ބުންޏެވެ.

ނިއުއަށް އެންމެ އަވަހަށް އޮތީ މާދަމާރޭ ޓީސީއާ ދެކޮޅަށް ކުޅޭ އެފްއޭކަޕް ފައިނަލް މެޗެވެ.