ހަތަރު އަހަރު

ހިރިގަލު މިސްކިތްތައް ބަލަހައްޓާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަނީ




ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ހިރިގަލު މިސްކިތްތައް، ދާއިމީ ލިސްޓަށް ބަދަލުކުރުމަށް ސަރުކާރުން  ކުރަމުންދާ މަސައްކަތުގެދަށުން، ހިރިގާ މިސްކިތްތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޑިޕާޓްމެންޓް ހެރިޓޭޖުން ފަށައިފިއެވެ. މިޕްލޭން އެކުލަވާލުމަށްޓަކައި މިއަދު ފެށި މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ،  މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރެވެ. އިފްތިތާޙީ ބަޔާނުގައި ޑރ، ނަޒީރު ވިދާޅުވީ، ޒަމާނަށް އަންނަމުންދާ ބަދަލާއެކު، ތަރިކަ ބެލެހެއްޓުމުގެ އުޞޫލަށް ބަދަލުގެންނަން ޖެހޭކަމަށެވެ. 

ބަވަނަވަމުންދާ މިދުނިޔޭގައި، އެއްޤައުމުގެ ޘަޤާފަތުގެ ނުފޫޒު އަނެއް ޤައުމުގެ ޘަޤާފަތަށްކުރުމުގެ ފުރުޞަތު އޮންނާނެކަން ޤަބޫލްކޮށް، އެކަން ބަލައިގަނެ އެކަމަށް ތައްޔާރުވާންޖެހޭކަމަށްވެސް ޑރ. ނަޒީރު ވިދާޅުވިއެވެ. ދިވެހިންގެ ދިރިއުޅުމާ ވަށްޓަފާޅިއަށް އަލިއަޅުއްވާލައްވާ، ޑރ.ނަޒީރު ވިދާޅުވީ، ދިވެހިންގެ  ބަދަލުނުވާ އެއް ޘަޤާފަތަކީ ދިވެހިންގެ ގެދޮރާއި ދިރިއުޅޭ މާޙައުލު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ އާދަކަމަށެވެ.



 "މިމެނޭޖްމެންޓް ސިސްޓަމްގެ ތެރޭގައި މިޒަމާނުގައި ގެނެސްފައިހުރި އުކުޅުތަކާއި އެފަދަ ކަންތައްތަކުގެ އަލީގައި މިކަން ކުރާނެ ގޮތްތަކެއް ހޯދަން އެބަޖެހޭ. އެއީ އަބަދުވެސް މި މަސައްކަތްކުރަމުން އަންނަ ގޮތް ބަދަލުވެ އައު ފިކުރުތަކާއި އައު ޚިޔާލުތަކާއި އެކީގައި އައު ގޮތްތަކެއް ހޯދަން އެބަޖެހޭ."އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.



"ދިވެހި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ބަލަހައްޓާނެގޮތް ކުރިމަގަށް ރޭވުމުގެ ބައްދަލުވުން" މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު، މި ބައްދަލުވުމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ ގިނަ މުއައްސަސާތަކުން ބައިވެރިވެއެވެ. މިބައްދަލުވުމުގައި މައިގަނޑު ތިންކަމެއްގެ މައްޗަށް މަޝްވަރާ ކުރާނޭކަމަށް ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ވިދާޅުވެއެވެ. 

އެގޮތުން މިސްކިތްތަކުގައި ހުރި ޚާއްސަ ސިފަތަކާއި، ތާރީޚާއި ޘަޤާފަތާއި ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރުމާއި، ޔުނެސްކޯ ވޯރލްޑް ހެރިޓޭޖްގެ  ވަގުތީ ލިސްޓުގައި ހިމަނާފައިވާ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދާއިމީ ލިސްޓަށް ބަދަލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނޭކަމަށް ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ބުނެއެވެ. 

އަދި ހިރިގަލުގެ މިސްކިތްތައް ބެލެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ތަރިކަ ޑޮކިއުމެންޓް ކުރާނެގޮތާއި، އެފަދަ ތަންތަން އާބާތުރަ ފިލުވުމަށް ކުރަމުންދާ މަސައްކަތްތަކާމެދުވެސް މިބައްދަލުވުމުގައި މަޝްވަރާކުރާނޭކަމަށް ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ބުނެއެވެ.

 ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވަނީ ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ދިރާސާތަކެއް ވަނީކޮށްފައެވެ.