ހަތަރު އަހަރު

ކީސްޓޭޖް 1-3 ގެ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވައިފި.




އަންނަ ދިރާސީ އާ އަހަރު ސްކޫލްތަކުގައި  ބޭނުންކުރާ ކީސްޓޭޖް 1،2،3 ގެ ހުރިހާ ޓެކްސްޓް ފޮތްތަކެއް  ސްކޫލްތަކަށް ފޮނުވާ ނިމިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން  ބުނެއެވެ.  އެޑިއުކޭޝަން މިނިސްޓްރީން  ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ފެށީ އޯގަސްޓްމަހުއެވެ. އެގޮތުން ގްރޭޑް އެކަކުން އަށަކަށް ބޭނުންވާ ހަ ލައްކަ ފަންސާސް ހާސް ޓެކްސްޓްފޮތްތައް  ސްކޫލްތަކަށް ވަނީ ފޮނުވައިފައެވެ.

ސަރުކާރުގެ ދުއިސައްތަ ބާރަ ސްކޫލަކަށް ބޭނުންވާ ހަތްލައްކައަށް ވުރެ ގިނަ ފޮތް ޗާޕުކޮށްފައިވާއިރު، ރާއްޖެއިން ބޭރުގައި ތަޢްލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނަށާއި  އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުންތަކަށް ވެސް ފޮތްތައް ޗާޕްކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ފޮތްތައް ޗާޕުކޮށް ސްކޫލްތަކަށް ފޮނުވުމާއި ހަމަޔަށް ގާތްގަނޑަކަށް ފަސްދޮޅަސް ދެ މިލިޔަން ރުފިޔާ ޚަރަދުވެފައިވާކަމަށެވެ.



ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާޢީލް ވިދާޅުވީ، ސްކޫލްތަކަށް ފޮތްތައް ފޮނުވާ ނިމިފައިވާކަމަށާއި، ދަރިވަރުންނަށް ފޮތްތައް ޙަވާލުކުރުމުގެ މަސައްކަތް، ކިޔެވުން ފެށުމުގެ ކުރިން ފައްޓަވާނެ ކަމަށެވެ. އިބްރާހީމް އިސްމާޢީލް ވިދާޅުވީ ގްރޭޑް 9 އާއި 10 ގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓްފޮތްތައް ފޯރުކޮށްދިނުމުގައިވެސް އެއްވެސް އުދަގުލެއް ނެތް ކަމަށެވެ.



"ވޭތުވެދިޔަ އަހަރު ބޭނުންކޮށްފައިވާ ފޮތްތައް ކަލެކްޓްކޮށްފައިވާ ފޮތްތަކާއި، އޭގެތެރޭގައި ރަނގަޅު ފޮތްތައް ހުންނާނެ.  ގްރޭޑް 9،10 ގެ ބައެއް ސްކޫލްތަކަށް  ޓެކްސްޓް ފޮތްތައް ބޭނުމެއްވެސް ނުވާނެއެވެ. އެއީ ކުދިން އަތުން ކަލެކްޓްކޮށްގެންނާއި، ސްކޫލްތަކުގައި މިހާރުވެސް  ހުރި ފޮތްތައް ދަރިވަރުންނަށް ލިބިގެންދާނެ." ކަމަށް އިބްރާހީމް އިސްމާޢީލް  ވިދާޅުވިއެވެ.



ސްކޫލަތަކަށް ފަސްދޮޅަސް ފަސްހާހަށްވުރެ ގިނަ ވައުޗަރ ފޮނުވާފައިވާއިރު،  ގާތްގަޑަކަށް ސާޅިސް އެއް މިލިޔަން ރުފިޔާ ޚަރަދުވެފައިވެއެވެ. ފޮތްތައް ޗާޕުކުރުމާއި ވައުޗަރުތަކަށް ޖުމުލަ  ފަސްސަތޭކަ ފަސް މިލިޔަން ރުފިޔާ ޚަރަދުވެފައިވާކަމަށްވެސް އިބްރާހީމް އިސްމާޢީލް   ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ދިރާސީ އައު އަހަރު ފެށޭއިރު ސްކޫލްތަކަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެފައި ހުންނާނެކަމަށެވެ. މީގެ ތެރޭގައި ޓީޗަރުން ހަމަކުރުމާއި،ފޮތްލިސްޓު ހަމަކުރުމާއި،އުގަންނައިދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.