ކުޅިވަރު

ޒިދާނަށްވުރެ ވަކި ރަނގަޅު ކޯޗެއް ނުލިބޭނެ - ރިއަލްމެޑްރިޑް


ޒައިނުއްދީން ޒިދާނަށްވުރެ ވަކި ރަނގަޅު ކޯޗަކު ރެއާލް މެޑްރިޑަށް ނުލިބޭނެ ކަމަށާއި އޭނާއާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

އެކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް މިހެން ބުނީ ބާސެލޯނާ އަށްވުރެ 8 ޕޮއިންޓް ފަހަތަށް ރެއާލް ވެއްޓުމުން މިއީ އާ ކޯޗަކަށް ފުރުސަތުދޭންވީ ވަގުތު ކަމަށް ބައެއް ފަރާތްތަކުން ބުނަން ފެށުމުންނެވެ.

ނަމަވެސް ޕެރޭޒް ބުނީ ފާއިތުވެދިޔަ ދެ އަހަރު ޒިދާން ހޯދީ ތަފާތު ހާއްސަ ކާމިޔާބީތަކެއް ކަމަށާއި، އޭނާ އަށްވުރެ ވަކި ރަނގަޅު މީހަކު ރެއާލް މެޑްރިޑަށް ނުލިބޭނެ ކަމަށެވެ. ޖެހިޖެހިގެން ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށް، ސްޕެނިޝް ލީގާއި ކުލަބު ވޯލްޑްކަޕް ހޯދުމަކީ ފަސޭހަކަމެއްނޫން ކަމަށާއި، އެކާމިޔާބު ޒިދާން ހޯދީ ބަޔަކު ހީވެސް ނުކުރާހާ އަވަހަށް ކަމަށް ވެސް ޕެރޭޒް ވަނީ ބުނެފައެވެ.

އޭނާ އަދި ބުނީ ޒިދާނަކީ ކުލަބުގެ ކޯޗުގެ އިތުރަށް ރެއާލް މެޑްރިޑަށް ކުޅެ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ކުލަބުގެ ބްރޭންޑަކަށްވުމުން ޒިދާނަށް ފުރިހަމަ އަށް އިތުބާރު ކުރަންޖެހޭ ކަމަށެވެ.

ފުޓްބޯޅައިގައި ބައެއް ފަހަރު ނާކާމިޔާބުވާނެ ކަމަށާއި، އެފަދަ ކޮންމެ ވަގުތެއްގައި ކޯޗު ބަދަލު ކުރުމަކީ ރަނގަޅު ކަމެއްނޫން ކަމަށްވެސް ޕެރޭޒް ބުންޏެވެ.

ރެއާލް މި ސީޒަނުގައި ނެރެމުންދަނީ ދަށް ނަތިޖާތަކެކެވެ. މިއީ 2009ގެ ފަހުން އެކުލަބު ސްޕެނިޝް ލީގުގައި އެންމެ ދަށްކޮށް ފެނިގެންދާ ސީޒަނެވެ. ނަމަވެސް ޕެރޭޒް ބުނީ ކުޅުންތެރިން މަސައްކަތް ރަނގަޅު ކަމަށެވެ. އޭނާ އެދެނީ މިވަގުތު ފޯމު ގެއްލިފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަސް ވަނަ ފަހަރަށް ބެލޮންޑީއޯ އެވޯޑް ލިބުމަށް ކަމަށެވެ.