ކުޅިވަރު

އެފްއޭއެމް އެވޯޑް ނައިޓް މިމަހު 16 ގައި


އެފްއޭއެމުން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް މި މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މިދިޔަ އަހަރު މި ހަފުލާ ޝަރަފުވެރިކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވަޑް ޑުވައިޑް ޔޯކްއެވެ. އެފްއޭއެމުން އަންނަނީ މި އަހަރުގެ އެވޯޑް ނައިޓަށް ވެސް ހާއްސަ މެހުމާނެއްގެ ގޮތުގައި ކުރީގެ ކުޅުންތެރިއަކު ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން މިފަހަރު ހޮވާ އެވޯޑްތަކުގެ ތެރޭގައި އެންމެ ހާއްސަކޮށް ފާހަގަ ކުރެވެނީ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމެވެ. މީގެ އިތުރުން ސީޒަނުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް މި ހަފުލާގައި ރަންބޫޓު ވެސް ދޭނެއެވެ. މިއެވޯޑް މި އަހަރުން ފެށިގެން ދޭގޮތަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ޤައުމީ ޓީމަށް އެންމެ ފުރަތަމަ ގޯލެއް ޖަހައިދިން ކުޅުންތެރިޔާ ޖޫލިއަޓް އަބުދުﷲ ރަޝީދުގެ ހަނދާނުގައި ޖޫލޭއެވޯޑްގެ ނަމުގައެވެ.

މި އަހަރުގެ އަލަށް ހޮވާ މަގާމުތަކުގެ ތެރޭގައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި އަހަރުގެ އެންމެ މޮޅު ގޯލާއި ޒުވާން ކުޅުންތެރިޔާގެ މަގާމް ފާހަގަކޮށްލެވެއެވެ.

ހުސްވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީސީގެ އަލީ ފާސިރު (ސެންޓޭ)އެވެ. މިދިޔަ އަހަރު ރަންބޫޓު ވެސް ހާސިލްކުރީ އޭނާއެވެ. އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވާފައިވަނީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމެވެ.