ޚަބަރު

އެއްވެސް ޑިއުޓީއެއް ނެތި މަސް އެކްސްޕޯރޓް ކުރެވޭނެ


"ސާރކް ސަފްޓާ" އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަސްވެރިންނަށް ފައިދާ ނުވިނަމަވެސް ޗައިނާއެކު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަހުގެ ބާވަތްތަކުން ޑިއުޓީ ކެނޑިގެންދާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

ޗައިނާއާއި އެކު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވަމުން ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވީ މީގެ ކުރިންވެސް މި ކަހަލަ ބައެއް އެއްބަސްވުންތައް ރާއްޖެއިން އެކުލަވާލާފައިވާކަމަށެވެ. މިގޮތުން ސާކުގެ ޤައުމުތަކުގެ މެދުގައި މިހާރުވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް "ސަފްޓާ"ގެ ނަމުގައި ހެދިފައިވާކަމަށާއި އޭގެ އެއްވެސް ފައިދާއެއް ރާއްޖޭއަށް ލިބެމުންނުދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޗައިނާއާއެކު ޤާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް އެއްވެސް ޑިއުޓީއަކާއި ނުލައި މަސްއެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ވުރެ ޗައިނާއަށް ފައިދާވާނެކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޑރ ޝައިނީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް އިދިކޮޅު ފަރާތްތަކަށް ބުނެދެވިފައިނުވާކަމަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުން އަވަށްޓެރި އެއްވެސް ޤައުމަކަށް ގެއްލުން ނުވާނެކަމުގެ ޔަގީންކަން ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ އަވައްޓެރި ޤައުމުތަކުންވެސް އެހެން ޤައުމުތަކާއެކު ފްރީ ޓްރޭޑް އެގްރީމެންޓްތައް ހަދާފައިވާކަމަށާއި މިފަދަ އެގްރީމެންޓްތައް ހެދުމަކީ ހުރިހާ ޤައުމަކުންވެސް ތާޢީދުކުރާކަމެއް ކަމަށެވެ. 

ޗައިނާއާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުއްގައި ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން އެ ނިންމެވުމަށް  ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ. ފްރީ ޓްރޭޑް އެގްރީމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިގްތިސާދީގޮތުން އެއްޤައުމު އަނެއް ޤައުމުގެ ވިޔާފާރި ފުޅާކޮށް ފައިދާ ހޯދުމަށް ސޮއިކުރާ އެއްބަސްވުމެކެވެ.