ޗައިނާއަކީ ދިވެހިރާއްޖޭގެ ވިޔަފާރިއާއި ތަރައްޤީގެ އެންމެ ގާތް ބައިވެރިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިފަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ޗައިނާއާއި ރާއްޖޭގެ ގުޅުން މިފަދައިން ސިފަކުރައްވާފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހަވީރު ޗައިނާގެ ވެރިރަށް ބެއިޖިންގެ ލެޖެންޑޭލް ހޮޓެލްގައި ބޭއްވެވި ރަސްމީ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، ފާއިތުވީ 4 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޗައިނާގެ ގުޅުން އާ ހަރުފަތަކަށް ވާސިލުވެފައިވާ ކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ ހަޤީޤީ އެކުވެރިއެއްކަމަށާއި، ދެޤައުމުގެ މި އެކުވެރިކަން ބިނާވެފައިވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި، އިޚްތިރާމުގެ މައްޗަށްކަމަށެވެ. އަދި ރާއްޖެއަކީވެސް ޤައުމެއްގެ ހައިސިއްޔަތުން ދިމާވާ ދާޚިލީ މައްސަލަތަކުގައި އަމިއްލަވަންތަ ހައްލު ހޯދޭނެ ވަރުގެ ޤާބިލުކަން ހުރި ޤައުމެއްކަން ޗައިނާއިން ޤަބޫލުކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ޗައިނާގެ ރައީސް 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. އަދި، އެދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކަކީ ދެޤައުމުގެ ގުޅުން ބަދަހިވުމަށް ކޮށުނު މަގެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގ ބިންގާ އެޅުއްވި ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލެއާއި ހުޅުލެއާ ދެމެދު ބިނާކުރެވޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މަޝްރޫޢާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީ ކުރާ ރަންވޭގެ މަސައްކަތަކީ ދެޤައުމުގެ އެކުވެރި ބަދަހި ގުޅުން ތާއަބަދަށް ރަމްޒުކޮށްދޭނެ ނިޝާންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޢިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ތާރީޚީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި ދިވެހި ރައްޔިތުން، ޚާއްޞަކޮށް ދިވެހި ޒުވާނުންގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި، އުފެއްދުންތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އިޤުތިޞާދު ކުރިއަރުވާ، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ދިރިއުޅުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ މިދަތުރުގައި ބައިވެރިވުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވައިސް ޗެއާމަން އޮފް ދަ ނެޝަނަލް ޕީޕަލްސް ކޮންގްރެސް، ހަރ އެކްސެލެންސީ މިސް ޝެން ޔޫޔޫ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ހަނދާނީ ފިލައެއް ވެދުންކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ ޚާއްޞަ ސްޓޭމްޕް ސެޓެއްވެސް އެކަމަނާއަށް ވެދުންކުރައްވާފައެވެ.
މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި މުނިފޫހިފިލުވުމުގެ ބައެއް ހަރަކާތްތައް ހުށަހެޅުއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.