ޚަބަރު

"ޒަކާތު ފަންޑުގެ ސްކޮލަރޝިޕުތައް ވަރަށް އަވަހަށް ޢިއުލާން ކުރާނެ"


ޒަކާތު ފަންޑުންދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ކުރިއަށްއޮތް މަހެއްހާ ދުވަސްތެރޭގައި ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެރއާޒް ޑރ. އަޙުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

މިއަހަރު ޒަކާތުފަންޑުގެ އެހީގައި ބޯން-މެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީދިން ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒަކާތު ފަންޑުން ޚަރަދުކޮށްގެން ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ވިދާޅުވީ، ޒަކާތު ފަންޑުން ޚަރަދުކޮށްގެން ތަފާތު ދާއިރާތަކުން ގިނަ ބަޔަކަށް މިހާރު ޚިދުމަތް ދެމުންދާކަމަށެވެ. އެގޮތުން ޒަކާތު ފަންޑުން މިއަހަރުގެ ސްކޮލަރޝިޕްގެ ފުރުސަތު ދޭނެ ކަމަށާއި ކަމާގުޅުންހުރި އުސޫލުގެ އިދާރީ މަސައްކަތް ޒަކާތާއިބެހޭ ކޮމެޓީން ނިންމާފައިވާކަމަށެވެ. ޒަކާތު ފަންޑުގެ ސްކޮލަޝިޕްތައް ޚާއްސަކޮށްފައިވަނީ ސިއްޚީ ދާއިރާއިން ސުޕަރސުޕަޝަލިޓީ ޑޮކްޓަރުން ތަމްރީނުކުރުމަށާއި ދީނީ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށެވެ.



މިހާރުވެސް ޒަކާތު ފަންޑުގެ ޚަރަދުގައި ރާއްޖޭގެ 8 ދަރިވަރަކު ބޭރު ޤައުމުތަކުގައި ސިއްޙީ ދާއިރާއިން ތަޢުލީމް ހާސިލް ކުރަމުންދާ ކަމަށާއި މީގެ އިތުރުން ތަޢުލީމީ ތަފާތު ފުރުސަތުތައް ޒަކާތު ފަންޑުން ފޯރުކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ސިއްޙީ ދާއިރާއަކީ މުހިއްމު ދާއިރާ އަކަށްވާތީ ޒަކާތު ފަންޑުން އަބަދުވެސް ސިއްޙީ ދާއިރާއަށް އިސްކަންދޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން ވޭތުވެދިޔަ 2017 ވަނަ އަހަރު ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރުމަށް 277 ފަރާތަކަށް އެހީ ފޯރުކޮށްދީފައިވާއިރު، މުޅި ސިއްޙީ ނިޒާމަށް 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާކަން އިސްލާމިކް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ތަނަވަސްކަމުގެ އަހުލުވެރިންނާއި، ޒަކާތް ދިނުމަށް ޝަރުތު ހަމަވާ ފައިސާއާއި މުދަލުގެ އަހުލުވެރިން ޒަކާތް ދައްކަމުން ދިއުމުގެ ނަތީޖާއަކީ މިއަދު ބޭނުންޖެހިފައިވާ ފަރާތްތަކަށް އޭގެ އެންމެ އެދެވޭ ފައިދާކުރާކަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި  އިސްލާމީ ތާރީޚުން އެނގޭ ގޮތުގައި ޒަކާތްދައްކަން ޖެހެނީ ދައުލަތައް ކަމަށާއި، ރާއްޖޭގައި ޒަކާތް ދެއްކުމުގެ ކަންކަން ހަމަޖައްސާފައިވާ އުސޫލުތަކުގެ މަތިން ވީހާވެސް ގިނަ ބަޔަކު ޒަކާތް ދެއްކުންމަތީ ދެމިތިބުމަށް އިސްލާމިކް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.