ޚަބަރު

އެއާޕޯޓުއަޅާ ސަރަހައްދުގެ މަސައްކަތް 1 މަސްތެރޭ ނިމޭނެ


ކުޅުދުއްފުށީ އެއާޕޯޓުއަޅާ ސަރަހައްދުގެ މަސައްކަތް 1 މަސްތެރޭ ނިމޭނެކަމަށް އެމްޓީސީސީއިން ބުނެފިއެވެ. އަދި މިމަސައްކަތުގައި މިހާރު ކުރަމުންދާ ރަށުގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ މަސައްކަތް ކުރިއަށް އޮތް ދުވަހެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. 

ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނައިރު، އެއަރޕޯޓް އެޅުމަށް 6.21 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުޙައްމަދު ހުޝާމް ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މަހާ ޖައްރާފުގެ މަސައްކަތް ހުއްޓާލި ނަމަވެސް ވީއެންމެ އަވަހަށް އެމަސައްކަތް ފެށުމަށް ތައްތާރުވަމުން އަންނަ ކަމަށެވެ.

ހުޝާމް ވިދާޅުވީ މޫސުމާ ގުޅިގެން މަސައްކަތް ހުއްޓާލިއިރު، ދުވާލެއްގެ މައްޗަށް ހަތަރު ފަހަރު ވެލި ބަރުކޮށް ހިއްކަން ބޭނުންވާ ސަރަޙައްދުތަކަށް ވެލި އަޅަމުންދިޔަ ކަމަށާއި ނަމަވެސް އަމާޒަކީ އެ އަދަދު އިތުރުކުރުން ކަމަށެވެ.

"މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް އެންމެ ބާރުދުވެލީގައި ކުރިއަށް ނުގެންދެވޭ. ބޮޑަށް އަޅުގަނޑުމެންނަށް ދިމާވެގެން އުޅޭ މައްސަލައަކީ ބޯޓުން އެއްގަމަށް ވެލި ޕަމްޕުކުރުމަށް ބޭނުންކުރާ ހޮޅިލައިން ވާނީ ނަގާފަ. އެހެން ނަމަވެސް އިއްޔެއާ މިއަދުވެސް އެ ހޮޅި ލައިން އަލުން ގުޅާލުމުގެ މަސައްކަތްކުރަމުން މިދަނީ. އޭރުން ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ،" މުޙައްމަދު ހުޝާމް ވިދާޅުވިއެވެ.

ކުޅުދުއްފުށި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫގެ ތެރެއިން ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އެރަށު ހުޅަނގުން އޮންނަ ކަނޑުގެ ސަރަހައްދުންނާއި، ކުޅީގެ ތިރީސް އިންސައްތަ ސަރަހައްދެވެ. ކުޅި ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތަށް ތައްޔާރުވަމުންދާއިރު އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އީޕީއޭގެ ލަފަޔާއެކު ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުޝާމް ވިދާޅުވީ ކުޅުދުއްފުށީގެ ބޭރުން ރަށުގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ދެ ސަރަޙައްދެއްގެ މަސައްކަތުގެ ތެރެއިން ހަތަރު ހެކްޓަރު ހިއްކަން ހަމަޖެހިފައިވާއިރު، އެތަނުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތްވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.

"ކުޅިއަށް ވެލިއަޅަން ފަށާއިރު އީޕީއޭގެ ލަފާގެ މަތިން އެ މަސައްކަތް ކުރަމުންދާނީ. އެގޮތުން ކުޅިއަށް ވެލި އަޅާއިރު އެބަޖެހޭ އިންސްޕެކްޝަނެއް ބާއްވަން. އޭރުން އެނގޭނީ ކުޅިން ޗަކަ ނަގަންޖެހެނީ ކިހާ ސަރަޙައްދަކުން ކިހާ ވަރަކަށްކަން. އޭރަ ދެއްތޯ އެނގޭނީ ނަގަންޖެހެނީ ކިހާވަރެއްގެ ސަރަޙައްދަކުންކަން ޗަކަ،" މުޙައްމަދު ހުޝާމް ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާރޕޯޓު އެޅުމަށް ބޭނުންވާ ސަރަޙައްދުގެ މަސައްކަތް މޫސުން ތަންދޭނަމަ އެއްމަސް ދުވަސްތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ހިއްކާ ސަރަޙައްދުތަކުގައި ޖެހުމަށް ބޭނުުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓްވެސް އެރަށަށް ގެނެސްފައިވާކަމަށް އެކުންފުނިން މަޢުލޫމާތުދެއެެވެ.

އާބާދީގައި ގާތްގަނޑަކަށް ދިހަ ހާސް މީހުން ދިރިއުޅެމުން އަންނަ ކުޅުދުއްފުށީގައި އެއަރޕޯޓްހެދުމަކީ އެރަށާއި އެސަރަހައްދުގެ އެހެން ރަށްރަށުގެ ތަރައްޤީއަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ. މިމަޝްރޫގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ އަހަރުގެ އޮކްޓޫބަރު މަހު އެއާރޕޯޓު ބޭނުންކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީގެ އެއާރޕޯޓުގެ މަސައްކަތް އެއްކޮށް ނިމުމާއެކު އެ ސަރަޙައްދަށް އިޤްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރިއެރުންތައް ލިބޭނެކަން އެސަރަޙައްދުގެ ރައްޔިތުން ފާހަގަކުރެއެވެ.